އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ވަގުތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ވީނިއުސްއާއި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކަށާއި އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކާއި ލ. މާބައިދޫ އަދި ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ވަގުތު އިތުރު ކޮށްފައިވާ ކަމަށެވެ.

އަދި ވަގުތު އިތުރުކުރަން ޖެހުނީ އެދެވޭ ތަރުހީބެއް ނުލިބުމުން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް ކޮމިޝަނުން ފުރަތަނަ ފުރުސަތު ހުޅުވާލީ 23 ޖޫން 2021 ވާ ބުދަ ދުވެހުގެ 9:30 ން ފެށިގެން 8 ޖުލައި 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ބައެއް ކައުންސިލްތަކަށް އަލުން މެމްބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވަނީ އަންނަ 7 އޮގަސްޓް 2021 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 15:00 އަށެވެ.

އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނުޓުގެ ހުސްވަގުތުކޮޅަކަށްފަހުގައި ކަމަށާއި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ 10 އޮގަސްޓް 2021 ވާ އަންގާރަ ދުވަހުގައި ކަމަށްވެސް ބުނެފައިވެއެވެ.

އިލެކްޝަނުން ބޭއްވުމަށްޓަކައި ތައްޔާރުވަމުންދަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާ ދާއިރާތަކާއި، އެއްވެސް މީހަކު ކުރިމަތިލާފައިނުވާ ދާއިރާތަކާއި، ދެވަނަ ބުރުގައި އެއްވަރުވި ދާއިރާތަކަށް މެންބަރުން ހޮވުމަށާއި އަދި ލ. މާބައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.