ކެރީބިއަން ސަރަހައްދުގެ ގައުމެއް ކަމަށްވާ ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލައިފިއެވެ.

ހެއިޓީގެ ރައީސް އަވަހާރަ ކޮށްލާފައިވަނީ އަނަބިކަނބަލުންނާއެކު އަމިއްލަފުޅު ގެކޮޅުގައި އުޅުއްވަނިކޮށް ހަތިޔާރުއެޅި ގްރޫޕެއްގެ ބަޔަކު ވަދެ ދިން ހަމަލާތަކެއްގައެވެ.

މިހަމަލާގައި ރައީސް ޖޮވެނެލް މޮއިސްގެ އަނބިކަނބަލުން ވަނީ ސަލާމަތްވެވަޑައި ގެންފައެވެ. ނަމަވެސް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައި ވެއެވެ.

މިހަމަލާގެ މައުލޫމާތު އިއުލާން ކުރެއްވީ ހެއިޓީގެ ވަގުތީ ބޮޑުވަޒީރު ކްލައުޑި ޖޯސެފްއެވެ.

ހެއިޓީގެ ރައީސް އުމުރުފުޅުން 53 އަހަރުގެ ޖޮވެނެލް މޮއިސް އަވަހާރަކޮށްލުމާ ގުޅިގެން ހެއިޓީގެ ވެރިކަމުގެ ހުރިހާކަމަކާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ވަގުތީ ބޮޑުވަޒީރު ކްލައުޑި ޖޯސެފްއެވެ.

ހެއިޓީއަކީ އެމެރިކާ ބައްރުގެ އެންމެ ފަގީރު ގައުމެވެ. އެގައުމު ސިޔާސީ ވަރަށް ބޮޑު ހަލަނބޮލިކަމެއްގެ ތެރޭގައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ހަމަނުޖެހުން ބޮޑުވެ އިންތިޚާބު ބޭއްވޭގޮތް ނުވެގެން، ރިޔާސީ ގަރާރެއްގެދަށުން ރައީސް ޖޮވެނެލް މޮއިސް ވެރިކަން ކުރައްވާތާ ދެއަހަރު ވަނީ ވެފައެވެ.

ހަތިޔާރު ހިފައިގެން ބަޔަކު ރައީސް ޖޮވެނެލްގެ ގެކޮޅަށް ވަދެ ބަޑިޖަހައި ރައީސް އަވަހާރަކޮށްލިއިރު، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ގޮވާލަމުންނެވެ.

ރައީސް އަވަހާރަކޮށްލުމާ ގުޅިގެން ހެއިޓީ އިތުރު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވެއްޓިގެންދާނޭ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ރައީސް އަވަހާރަކޮށްލުމާ ގުޅިގެން ހެއިޓީގެ މައި އެއަރޕޯޓް މިހާރު ވަނީ ބަންދުކޮށްފައެވެ.

ރައީސް ޖޮވެނެލް މޮއީސީ އަވަހާރަކޮށްލި ހަމަލާ، އޮގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސްއިން ވަނީ ވަރަށް ހަރުކަށި އިބާރާރާތުން ކުށްވެރި ކޮށްފައެވެ.