ވިމްބްލްޑަން 2021 ވަނަ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ރޮޖާ ފެޑެރާ ކަޓުވާލާ ޕޮލެންޑުގެ ހޫބާޓް ހުރްކާޗް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިމެޗު ހޫބާޓް ކާމިޔާބުކުރީ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުންނެވެ. އެގޮތުން އޭނާ ސެޓުތައް ކާމިޔާބު ކުރީ 3-6، 6-7 އަދި 0-6 އިންނެވެ. މިއީ ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީގައި ހޫބާޓް ކުޅޭނެ ފުރަތަމަ ފަހަރެވެ.

20 ފަހަރަށް މޭޖާ ޓެނިސް މުބާރާތްތަކުގެ ޓްރޮފީ އުފުލާލާފައިވާ ފެޑެރާ މުބާރާތުން ކެޓިއިރު އޭނާއަކީ ދުނިޔޭގެ ޓެނިސް ރޭންކިންގެ 8 ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އަދި ހޫބާޓް އޮތީ ރޭންކިންގެ 16 ވަނައިގައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ހޫބާޓް ބުނީ މިއީ އޭނާއަށް ވަރަށް ހާއްސަ މޮޅެއް ކަމަށެވެ. ހާއްސަކޮށް ވިމްބްލްޑަންގައި ފެޑެރާގެ މައްޗަށް ކުރި ހޯދުމަކީ އޭނާ ދެކެމުން އައި ހުވަފެނެއްގައި ހަގީގީ ކުލަ ޖެހުންކަމަށް ހޫބާޓް ބުންޏެވެ.

އުމުރުން 39 އަހަރުގެ ފެޑެރާ މެޗަށްފަހު ވާހަކަދައްކަމުން ވަނީ މިއީ އޭނާގެ ފަހު ވިމްބްލްޑަން މުބާރާތައް ވެދާނެކަމުގެ އިޝާރާތެއް ކޮށްފައެވެ. މެޗަށްފަހު އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު މިއީ އޭނާގެ ފަހު ވިމްބްލްޑަން އަށް ވެދާނެތޯ އެހުމުން އަދި އެ ސުވާލުގެ ޖަވާބު ނޭނގޭ ކަމަށް ބުނެފައެވެ.

ފެޑެރާ ބަލިކޮށް ހޫބާޓް މުބާރާތުގެ ސެމީއަށް ދަތުރުކުރިއިރު އޭނާ ސެމީގައި ވާދަކުރާނީ ހަތްވަނަ އަށް ސީޑު ކުރެވިފައިވާ އިޓަލީގެ މަޓިއޯ ބެރަޓިނީ އާއި ދެކޮޅަށެވެ.

ބެރަޓީނީ ސެމީން ޖާގަހޯދީ ކުއާޓަރ ގައި ކެނެޑާގެ ފީލިކްސް އޯގާގެ މައްޗަށް ކުރިހޯދައިގެންނެވެ. މިއީ ފީލިކްސްގެވެސް ފުރަތަމަ ވިމްބްލްޑަން ސެމީ ފައިނަލެވެ.