ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހިންގި ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ފާސްކޮށްފިއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން، އެހާދިސާ ހިނގާދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއް ވޭތޯއާއި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓާކައި އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން 241 ކޮމިޓީން ވަނީ މަޝްވަރާކޮށްފައެވެ.

ރިޕޯޓު ފާސްކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ޖުމްލަ 236 ގަނޑުގެ ރިޕޯޓު އާއްމުކުރާއިރު، ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް އުނިކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ. ނަމަވެސް، އެ ރިޕޯޓު ރައީސާއި، މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރާ ހިއްސާކުރާއިރު، އެ ހުރިހާ މައުލޫމާތެއް ހިމެނޭނެކަމަށެވެ.

މީގެއިތުރުން، އިންކުއަރީގެ އަމާޒާއި، ސްކޯޕްގެ އިތުރުން، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް މި ރިޕޯޓުގައި ހިމަނާފައިވެއެވެ. އަދި، ރައީސް ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި، ހަމަލާގެ ފަހުން ކަން ހިނގާދިޔަ ގޮތް ވަރަށް ތަފްސީލްކޮށް މި ރިޕޯޓުގައި ބަޔާންކޮށްފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މެންބަރުންގެ ހިކުމްތްތެރިކަމާއި ހުނަރުވެރިކަން ފާހަގަކުރައްވައި، އަސްލަމް ވިދާޅުވީ، އިންކުއަރީގެ މަސައްކަތް ނިންމާލެވުނީ ހުރިހާ މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު ކަމަށާއި، ރިޕޯޓްގެ މަސައްކަތް ނިންމާލުމަށް ހުރިހާ މެންބަރުންވެސް މަސައްކަތް ކުރެއްވީ ވަރަށް އިހުލާސްތެރިކަމާއެކު ކަމަށެވެ.

ހަމަލާއާއި ގުޅިގެން ކޮމިޓީގެ ފަރާތުން ސަރުކާރަށް ގިނަ ހުށަހެޅުންތަކެއް މި ރިޕޯޓުގައި ހިމަނާފައިވެއެވެ. އެގޮތުން، ކުރިއަށް އޮތް ތަނުގައި އެފަދަ ހަމަލާއެއް ތަކުރާރު ވިޔަ ނުދިނުމަށާއި، ދިވެހިރާއްޖޭގައި ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ކޮމިޓީގެ ފަރާތުން ޖުމްލަ 45 ހުށަހެޅުމެއް ވަނީ ރިޕޯޓުގައި ހިމަނާފައެވެ.

މީގެ ތެރޭގައި ސިފައިންނާއި ފުލުހުންނާ ދެމެދު އިންޓެލިޖެންސް މައުލޫމާތު އެއްކޮށް ހިއްސާކުރުމަށްޓަކައި ހާމަނައިޒްޑް ޑާޓާ ސިސްޓަމެއް އެކުލަވާލުމުގެ އިތުރުން، ގައުމީ އިންޓެލިޖެންސް ގާނޫނެއް ވުޖޫދުކުރުން ހިމެނެއެވެ. އަދި ގައުމީ ސަލާމަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް، ނެޝަނަލް ސެކިޔުރިޓީ އެޑްވައިޒަރެއް އައްޔަނުކުރަން 241 ކޮމިޓީން ލަފާދީފަ އިވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ހުރިހާ ޕާޓީއެއްގެ މެންބަރުންވެސް އިންކުއަރީގެ މަސައްކަތް ކުރެއްވީ ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިލައްވައިގެން ކަމަށެވެ.

ހުށަހެޅުންތަކާއެކު މި ރިޕޯޓު ފާސްކޮށްފައިވަނީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 13 މެމްބަރުން އިއްތިފާގުންނެވެ. އަދި، ރިޕޯޓުގައި ހިމެނޭ ބައެއް އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު ރިޕޯޓު އާއްމުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.