ކައުންސިލުތަކުން ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އޮންލައިން ބޭންކިން ބޭނުންކުރާނަމަ އެ މުއާމަލާތްތަކުގެ ތަފުސީލު ކައުންސިލުތަކުގެ ހިސާބު ބެލެހެއްޓުމަށް އެކުލަވައިލާފައިވާ ވިއުގަ "ވިޔަ މޮޑިއުލް"ގައި ހިއްސާކުރުން ލާޒިމުކޮށް، އުސޫލު އާންމުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ކައުންސިލުތަކުން އޮންލައިން ބޭންކިންގެ ޚިދުމަތް ބޭނުންކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު"ގައި ބުނެފައިވަނީ އޮންލައިން ބޭންކިން ބޭނުންކުރުމުގެ ޚިދުމަތް ދޭނީ ކައުންސިލުގެ މާލީ ޒިންމާދާރުވެރިޔާ ނުވަތަ މާލީ ޒިންމާދާރުވެރިއެއް ނެތް ހާލަތުގައި، އެ ކައުންސިލެއްގެ އެންމެ އިސްވެރިޔާގެ ލަފާގެ މަތިން މިނިސްޓަރ އޮފް ފައިނޭންސް އެ ޒިންމާ ހަވާލުކުރާ ފަރާތަކުން ކަމަށެވެ.

އޮންލައިން ބޭންކިންގ މެދުވެރިކޮށް ހިންގާ މުޢާމަލާތްތަކާއި ކުރާ މަސައްކަތްތައް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމަކީ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއެއްކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި އިތުރަށް ބުނެފައިވަނީ، ކައުންސިލްތަކުގެ ހިސާބު ބެލެހެއްޓުމަށް ބޭނުންކުރާ ވިޔުގަ "ވިޔަ މޮޑިއުލް" ގައި އޮންލައިން ބޭންކިންގ މެދުވެރިކޮށް ކުރާ މުއާމަލާތްތައް ރިކޯޑު ކުރަންވާނެކަމަށެވެ. "ވިޔަމޮޑިއުލް" ގައި ރިކޯޑު ނުކޮށް އޮންލައިން ބޭންކިންގ މެދުވެރިކޮށް އެއްވެސް މުޢާމަލާތެއްކޮށްގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ.

އަދި އާމްދަނީގެ ގޮތުގައި ފައިސާއެއް ލިބިއްޖެނަމަ، ލިބިފައިވާ ފައިސާގެ ތަފުސީލު "ވިޔަ މޮޑިއުލް" ގައި ރިކޯޑުކުރަންވާނެކަމަށާއި، އޮންލައިން ބޭންކިންގ މެދުވެރިކޮށް އެއްވެސް މުޢާމަލާތެއް ކުރާނަމަ، އެ މުޢާމަލާތަކާގުޅޭ ރެފަރެންސް ނަންބަރެއް ބޭނުންކުރަންވާނެކަމަށްވެސް ވަނީ ބުނެފައެވެ. މިގޮތުން ބޭނުންކުރާ ރެފަރެންސް ނަންބަރަކީ އެ މުޢާމަލާތަކަށް "ވިޔަ މޮޑިއުލް" ގައި ބޭނުންކުރާ ރެފަރެންސް ކަމުގައިވާންވާނެއެވެ.

އޮންލައިން ބޭންކިންގ ބޭނުންކުރުމުގައި އެކައުންޓް ބާކީ އަދި ހިނގާފައިވާ މުޢާމަލާތްތައްބެލޭނެހެން "ރީޑް އޮންލީ" ހުއްދަ އެކައުންޓިންގ އަދި ފައިނޭންސް ގައި މަސައްކަތްކުރާ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ދިނުމުގެ އިޚްތިޔާރު މާލީ ޒިންމާދާރުވެރިޔާއަށް ލިބިގެންވާކަމަށް އުސޫލުގައިވެއެވެ. އަދި އޮންލައިން ބޭންކިން ބޭނުންކުރުމުގެ ހުއްދަ އޮތް މުވައްޒަފަކު ވަޒީފާއިން ވަކިވެއްޖެ ހާލަތުގައި އެކަން ފިނޭންސް މިނިސްޓްރީއަށާއި ބޭންކަށް އަންގައި އެކައުންޓު ބޭނުންކުރަން ދިން ހުއްދަ ބާތިލުކުރަންޖެހޭނެއެވެ.

އުސޫލާ ޚިލާފަށް ކައުންސިލުން ނުވަތަ ކައުންސިލުގެ މުވައްޒަފަކު އަމަލުކުރާކަން ފިނޭންސް މިނިސްޓްރީގެ ސަމާލުކަމަށް އަތުވެއްޖެ ހާލަތެއްގައި އެ ކައުންސިލެއް ނުވަތަ މުވައްޒިފަކާމެދު ފިޔަވަޅު އެޅުމާއެކު، މަދުވެގެން 2 މަސް ދުވަހުގެ މުހުލަތަށް އޮންލައިން ބޭންކިން ޚިދުމަތް އެ ކައުންސިލަކަށް ނުލިބޭނެ ގޮތް ހެދުމުގެ ބާރު ފައިނޭންޝަލް ކޮންޓްރޯލާއަށް އޮންނާނެއެވެ.

މި އުސޫލާ ޚިލާފުވާ މުވައްޒަފުންނާމެދު މާލިއްޔަތު ޤާނޫނާއި ޤަވާޢިދުގެ އިތުރަށް ޤާނޫނުލް ޢުޤޫބާތުގެ ދަށުން ފިޔަވަޅުއެޅޭނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މި އުސޫލާ ޚިލާފުވެގެން ހުށަހެޅޭ މައްސަލަތައް ބެލުމުގައި އިދާރީ އަދި ފަންނީ ކަންކަން ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓުންނެވެ.

މިފަދަ މައްސަލަތަކުގެ ތެރެއިން ދައުވާކުރަން ފޮނުވަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ އިންޓާނަލް އޮޑިޓަށް ފާހަގަވާ މައްސަލަތައް އެޓާނީ ޖެނެރަލް ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ޝަރީޢަތަށް ފޮނުވޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެެވެ.