ޑެޑްލައިން ހަމަވާން ކައިރިވެފައި ވަނިކޮށް އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގައުމު ތަކަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓު ކުރުމަށް އަލުން ރާއްޖެއިން ބިޑުކުރީ ދިވެހި ފުޓުބޯޅައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ "އަދަދު" އާއި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ބިޑްކުރީ އެންމެ ބޮޑު މަގުސަދަކީ މެޗުތައް ކެންސަލްވެ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުން ކަމަށެވެ. އެގޮތުން އޭއެފްސީ ކަޕްގެ މެޗުތައް ކެންސަލްވެއްޖެނަމަ އެއީ ހަމައެކަނި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ އާއި އީގަލްސް އަށް ލިބޭ ގެއްލުމެއް ނޫން ކަމަށާއި އެކަމުން ދިވެހި ފުޓުބޯޅަ އަށްވެސް ގެއްލުމެއް ވެދާނެކަމަށެވެ. އަދި ރާއްޖެ ހިމެނޭ ގްރޫޕްގެ މެޗުތައް އަލުން ހޯސްޓު ކުރުމަށް ބިޑު ކުރަން ނިންމީ ދިވެހި ފުޓުބޯޅަ އަށް ގެއްލުމެއް ވާން ނޭދޭތީ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ އާއި ކްލަބް އީގަލްސް ވާދަކުރެ އެވެ. މާޒިޔާ އޮތީ ގްރޫޕް ސްޓޭޖުގަ އެވެ. އީގަލްސް ކުޅެނީ ކޮލިފައިން ބުރުގަ އެވެ. ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު އޮތީ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފްބުރުގައި އޮތް އީގަލްސް ނޫނީ އިންޑިއާގެ ބެންގަލޫރަށެވެ.

އޭއެފްސީން ވަނީ މެޗުތައް ކުޅޭނެ ގައުމެއް ނުލިބޭ ގްރޫޕްތައް ކެންސަލްކުރަން އޭއެފްސީން އޮތީ ނިންމައިފަ އެވެ. އެ ގޮތުން ދާދި ފަހުން ވަނީ އާސިއާންގެ ތިން ގްރޫޕެއް ކެންސަލް ކޮށްފަ އެވެ. މި މަހު ފަސް ވަނަ ދުވަހުގެ ކުރިން ރާއްޖެ އާއި ބަންގްލަދޭޝް އިން ބިޑްނުކުރި ނަމަ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ކެންސަލްވާނެ އެވެ.

މީގެ ކުރިން ރާއްޖޭން ވަނީ މި މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކޮށްފައެވެ. އެ ފަހަރު ރާއްޖޭން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކުރުމަށްފަހުއެވެ. އެއާއެކު އޭއެފްސީން މީގެ ކުރިން ތާވަލުކުރީ މެއި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ގޮތަށެވެ. އަދި އެ މެޗަށްފަހު މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް އެ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށްވެސް ތާވަލުކުރިއެވެ.

އެހެންނަމަވެސް އީގަލްސް އާއި ދެކޮޅަށް ޕްލޭއޮފް މެޗުގައި ކުޅެން އައި ބެންގަލޫރު އެފްސީގެ ކުޅުންތެރިން ރާއްޖެ އައިސް ހެދިފައިވާ ގައިޑްލައިން ތަކާއި ހިލާފުވެ، މާލޭގެ މަގުތައްމަތީ އުޅުނު މައްސަލަ ފެންމަތިވެ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭގައި ނުބޭއްވޭނެކަން އެންގުމާއެކު، އޭއެފްސީން ވަނީ ޕްލޭއޮފް މެޗާއި ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

ބައްސާމް އިތުރަށް ވިދާޅުވީ އަނެއްކާވެސް މެޗުތައް ހޯސްޓު ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެފުރުސަތު އޮތީ ސަރުކާރާއި ސިއްހީ ދާއިރާއިން މި ފަހަރު ފަހު ވަގުތު މުބާރާތް ފަސްކުރަން ނުނިންމާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

ބައްސާމް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށްދޭ ލުއިތައް އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެހެންނަމަވެސް އަދިވެސް މުބާރާތްތައް ބޭއްވުމުގެ ހުއްދަ ދީފައެއް ނުވެއެވެ.

އެހެންކަމުން މިނިންމުމަށް ބަދަލެއް ނާންނަނަމަ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖެއިން ހޯސްޓު ކުރާނީ ހާއްސަ ހުއްދައެއްގެ ދަށުން، ސަލާމަތީ ވަރުގަދަ ފިޔަވަޅު ތަކަކާއި އެކުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޭއެފްސީން މިހާރު ނިންމާފައިވަނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅުމަށެވެ. އަދި ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ މަހު 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާން ނިންމާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.