ފްރާންްސް ފުޓުބޯޅައިގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ދުނިޔޭގެ އެންމެ ކާމިޔާބު އަދި އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށްވާ ސާޖިއޯ ރާމޮސް އެކުލަބުގެ ކުޅުންތެެރިއެއްގެ ގޮތުގައި އިއުލާން ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޕީއެސްޖީން ރާމޮސް އާއިއެކު އެއްބަސްވުމުގައި ސޮއި ކޮށްފިކަން އިއުލާނު ކޮށްފައިވާއިރު ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އޮޅިގެން އެކުލަބުގެ ވެބްސައިޓުގައި ވަނީ ރާމޮސް ކުލަބާއި ގުޅިއްޖެކަން ހާމަކޮށް އާޓިކަލް އެއް ޝާއުރުކޮށްފައެވެ.

ރެއާލް މެޑްރިޑާއެކު ކާމިޔާބު 16 އަހަރު ހޭދަކުރުމަށްފަހު ރާމޮސް ޕީއެސްޖީ އާއި ގުޅިފައިވަނީ 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެނަކަމުން ޕީއެސްޖީ އާއިއެކު ރާމޮސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

2003 ވަނަ އަހަރު ސީނިއަރ ކެރިއަރު ސްޕެއިންގެ ސެވިއާ އެފްސީ އިން ފެށި ރާމޮސް ޔޫރަޕު ފުޓުބޯޅައިގައި ވިދާލީ ރެއާލް މެޑްރިޑުންނެވެ. 2005 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރާމޮސް ރެއާލް އާއި ގުޅުނުއިރު އޭނާ މިއަހަރު އެކުލަބު ދޫކޮށްލީ ޓީމުގެ ކެޕްޓަންގެ ގޮތުގަައި 2015 ވަނަ އަހަރުން ފެށިގެން 2020/2021 ވަނަ އަހަރުގެ ސީޒަން ނިމުމާއި ހަމައަށް ކުޅެފައެވެ.

މިހާތަނަށް ރެއާލް އަށް ރާމޮސް 670 މެޗު ކުޅެދީފައިވާއިރު އެ ކުލަބާއެކު އޭނާ ވަނީ ފަސް ފަހަރަށް ލަލީގާ ހޯދާ އަދި ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގުވެސް ހޯދާފައެވެ. ރާމޮސް އަކީ ޑިފެންޑަރެއް ނަމަވެސް އޭނާ އަކީ ރެއާލް އަށް އެންމެ މުހިންމު މެޗުތަކުގެ އެންމެ މުހިންމު ވަގުތުގައި، މުހިންމު ލަނޑުތަކެއް ކާމިޔާބު ކޮށްދީފައިވާ ހުނަރުވެރި ގޯލް ސްކޯރަރެއްވެސް މެއެވެ. އަދި އޭނާގެ ލީޑާޝިޕްގެ ދަށުން ރެއާލް އިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ރާމޮސް އަކީ މިވަގުތުވެސް ކުޅެމުންދާ ކުޅުންތެރިން ނުވަތަ އެކްޓިވް ޕްލެޔާސްގެ ތެރެއިން ޑިފެންޑަރަކަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އަދި އޭނާ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ޑިފެންޑަރެވެ.

މީގެއިތުރުން ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމާއެކު ރާމޮސް ވަނީ 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕާއި 2008 އަދި 2012 ވަނަ އަހަރު ޔޫރޯ މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ. އަދި ރާމޮސް އަކީ ޔޫރަޕުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއާއެވެ. އެގޮތުން ސްޕެއިން ޓީމަށް 180 މެޗު އޭނާ ކުޅެދީފައިވާއިރު 23 ލަނޑުވެސް ޖަހާދީފައި ވެއެވެ.

ރާމޮސްގެ އިންޑިވިޖުއަލް ރެކޯޑް ތަކަށް ބަލާއިރު 2017 އަހަރު އޭނާ ވަނީ ބެލަންޑޯ އެވޯޑަށް ވާދަކުރާ ލިސްޓުގެ 6 ވަނަ ހޯދުމުގެ އިތުރުން ދެފަހަރަށް (2017 އަދި 2018) ވަނަ އަހަރު ޔޫއެފާ ޑިފެންޑަރ އޮފް ދަ ޔާގެ އެވޯޑްވެސް އޭނާ ވަނީ ހޯދާފައެވެ.

މީގެއިތުރުން ރާމޮސް ވަނީ 11 ފަހަރަށްވުރެ ގިނައިން ފީފާ/ފިފްޕްރޯ ވޯލްޑް 11 ގައި ހިމެނުމުގެ އިތުރުން ފީފާ ވޯލްޑް ކަޕް 2010 ގެ ޓީމް އޮފް ދަ ޓޯނަމެންޓުގައިވެސް ހިމެނިފައެވެ.