އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާގެ ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފިއެވެ.

ބޮޑުވަޒީރު މޯދީ ކެބިނެޓަށް ބަދަލު މިގެންނެވީ، ކޮވިޑްބަލީގެ ހާލަތާ ކުރިމަތިލުމުގައި ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވުމުންނާއި، ސަރުކާރުގެ ތަސައްވުރު ރީތި ކުރެއްވުމުގެ ގޮތުންކަމަށް ވެއެވެ.

މައި ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުގައި ހެލްތު މިނިސްޓަރު ކަމަށާއި، އައިޓީ މިނިސްޓަރުކަމަށާއި، ތެލާބެހޭ މިނިސްޓަރުކަމަށް އައު ބޭފުޅުން އައްޔަން ކުރައްވާފައި ވެއެވެ.

އައު ހެލްތު މިނިސްޓަރަކަށް މޯދީ އައްޔަން ކުރެއްވީ، މަންސުކް ލަކްސްމަން މަންޑަވިޔާއެވެ. އޭނާ ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި ހަރްޝް ވަރްދާންއާއި އޭނާގެ ނައިބް އިސްތިއުފާ ދެއްވުމަށް ދެންނެވިތާ މާ ގިނައިރެއް ނުވަނީހެވެ.

ހަރްޝް ވަރްދާންއަކީ ކޮވިޑް ބައްޔާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ ހަނގުރާމައިގެ މޫނުމައްޗެވެ.

ހަރްޝް ވަރްދާންއަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ އިންޑިއާ މިހާރު ތަހައްމަލް ކުރަމުންދާ ކޮވިޑްބަލީގެ ދެވަނަ ރާޅުގެ ސިޔާސީ އަގެއްގެގޮތުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އިންޑިއާ ސަރުކާރުން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަމަށާއި، ކޮވިޑްބަލީގެ ދެވަނަ ރާޅު ގޯސް ހާލަތަކަށް ވެއްޓިގެން ދިޔައީ އޭގެ ސަބަބުން ކަމަށް ބުނެ، ސަރުކާރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ.

ކޮވިޑްބަލީގެ ދެވަނަ ރާޅުގައި އެތައްބަޔަކު މަރުވިއިރު، މިބަލީގައި އިންޑިއާއިން މަރުވި މީހުންގެ ރަސްމީ އަދަދު މިދިޔަ ހަފްތާގައިވަނީ ހަތަރު ލައްކައަށް އަރައިގެން ގޮސްފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުން މަރުވެފައިވަނީ ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައެވެ.

ސަރުކާރުގެ ތަސައްވުރު ރީތިކުރުމަށް ބޮޑުވަޒީރު މޯދީ ކެބިނެޓަށް ގެންނެވި ބަދަލުގެ ތެރެއިން 15 މިނިސްޓަރުންނާއި، 28 ޖޫނިއަރ މިނިސްޓަރުން އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުގެ ކުރިފުޅުމަތީގައި މިއަދު މަގާމުގެ ހުވާ ކުރައްވާފައި ވެއެވެ.

މޯދީގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިންމަވައި، ކެބިނެޓުން ވަކިކުރެއްވި 12 ބޭފުޅަކު އަލުން ކެބިނެޓަށް ގެންނެވިއިރު، 8 ޖޫނިއަރ މިނިސްޓަރުން ކެބިނެޓް ރޭންކަށް ބަދަލުކުރައްވާފައި ވެއެވެ.

ކެބިނެޓަށް ބަދަލު ގެންނެވި ނަމަވެސް، މޯދީވަނީ، ހޯމް މިނިސްޓަރ އަމިތު ޝާހްއާއި، ޑިފެންސް މިނިސްޓަރ ރާޖްނާތު ސިންގާއި، ފައިނޭންސް މިނިސްޓަރ ނިރްމަލާ ސިތާރަމަންއާއި، ފޮރިން މިނިސްޓަރ ސުބްރަމާނިޔަމް ޖައިޝަންކަރު މަގާމުގައި ބައިތިއްބަވާފައެވެ.