ޔޫރޯ 2020 ގެ ޗެމްޕިއަންކަން ނުހައްގުން އިންގްލެންޑަށް ހޯދައިދީފާނެކަމުގެ ބިރު އެބައޮތް ކަމަށް އިޓަލީގެ މީޑިއާ ތަކުން ބުނެފިއެވެ.

އިޓަލީގެ މީޑިއާތަކުން، ހާއްސަކޮށް ކުޅިވަރު ހަބަރުތައް ގެނެސްދޭ ނޫސްވެރިން ބުނާ ގޮތުން ޔޫއެފާ އިން އިންގްލެންޑަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދޭން ބޭނުންވާ ބޮޑު ސަބަބެއް އެބައޮތް ކަމަށެވެ.

އެއީ ޔޫއެފާގެ ވަރުގަދަ އިންޒާރުތަކާއި ދެކޮޅަށް ޔޫރަޕުގެ ނުފޫޒުގަދަ ބައެއް ކުލަބުތަކުން ވުޖޫދުކުރި ޔޫރަޕިއަން ސުޕާ ލީގާއި ދެކޮޅަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން ވަރުގަދަ ފިޔަވަޅުތަކެއް އެޅިކަމަށް ބެލެވޭތީއެވެ. އަދި އެކަމުގެ ނަތީޖާއަކަށްވީ ސުޕާ ލީގުގައި ބައިވެރިވި އިނގިރޭސިވިލާތުގެ ހުރިހާ ކުލަބަކުން ލީގު ވުޖޫދުކުރެވުނުތާ 48 ގަޑީރުގެ ތެރޭގައި ލީގުން ވަކިވާން އިއުލާން ކުރުން ކަމަށާއި އެހެންކަމުން އަކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ޔޫއެފާ އިން ނާއިންސާފުން ޔޫރޯ މުބާރާތް އިންގްލެންޑަށް ހޯދައިދެން މަސައްކަތް ކުރަމުންދާ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ތުހުމަތު ކޮށްފައެވެ.

ޔޫރޯގެ ސެމީ ފައިނަލުގައި އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ތެރޭގައި އުސޫލުތަކުގެ ބޭރުން ރެފްރީ އިންގްލެންޑަށް ދިން ޕެނަލްޓީ އަކީ އެކަމުގެ ހެއްކެއްކަމަށް އެފަރާތްތަކުން ބުނެއެވެ. އިޓަލީގެ މީޑިއާތަކުން މިހެން ބުނެފައިވާއިރު ފުޓުބޯޅައިގެ ގިނަ މާހިރުންވެސް ގަބޫލުކުރާ ގޮތުގައި ސެމީ ފައިނަލުގައި އިންގްލެންޑަށް ޕެނަލްޓީ ދިނީ ރަނގަޅަށް ނޫން ކަމަށެވެ.

އެގޮތުން އޭރިއާ ތެރެއިން އިންގްލެންޑުގެ ރަހީމް ސްޓާލިންގ ވެއްޓުނުއިރު ޑެންމާކުގެ އެއްވެސް ކުޅުންތެރިއަކާއި ކޮންޓެކްޓް ނުވާ ކަމަށާއި، މުބާރާތުގެ ވާދަވެރި ހުރިހާ މެޗެއް ކަހަލަ ގޮތަކަށް އިންގްލެންޑުގައި، އެގައުމުގެ އެތައް ސަޕޯޓަރުންނެއްގެ ކުރިމަތީގައި ކުޅުން އެއީ ރެފްރީންނަށް ކުރިމަތިވާ ބޮޑު ޕްރެޝަރެއް ކަމަށާއި ގޮންޖެހުމެއް ކަމަށް ގިނަ މާހިރުން ގަބޫލު ކުރެއެެވެ.

2021 ވަނަ އަހަރުގެ ކުރީކޮޅު ޔޫރަޕިއަން ސުޕާ ލީގް އިއުލާނު ކުރެވުމާއެކު ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު އެލީގާއި ދެކޮޅު ހެދިއިރު ބޮރިސް ޖޯންސަން ވަނީ މިލީގަކީ "ކާޓެލް" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިއީ ފުޓުބޯޅައިގެ އަސްލާއި ހިލާފަށް އުފެއްދި ލީގެއް ކަމަށާއި މިއީ ފުޓުބޯޅައިގެ ސަޕޯޓަރުން ބޭނުންވާ ކަމެއް ނޫންކަމަށް އަދި އޭނާގެ ބާރުގައިވާ ހުރިހާ ވަސީލަތެއް މި ލީގު ހުއްޓުވާނެ ކަމަށް ބޮރިސް ވަނީ ބުނެފައެވެ.

އެހެންކަމުން އެކަމަށް ޝުކުރު އަދާކޮށް ދޭ ހަދިޔާއެއްގެ ގޮތުގައި ޔޫރޯ ހެދުމަށް ޔޫއެފާ އިން މަސައްކަތް ކުރަމުން އަންނަކަމަށް އިޓަލީގެ މީޑިއާތަކުން ތުހުމަތު ކުރެއެވެ.

ޔޫރޯގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން އިންގްލެންޑް ޖާގަ ހޯދާފައިވާއިރު އެ ގައުމުގެ ގިނަ ފަރާތްތަކަކުން އަންނަނީ މިއީ އެގައުމުގެ ފަހަރު ކަމަށް ބުނަމުންނެވެ. އަދި ޓީމަށް ސަޕޯޓު ކުރުމަށް ގިނަ ހަރަކާތްތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ. މީގެއިތުރުން ނޮކްއައުޓް ސްޓޭޖުގައި އިންގްލެންޑުން ކުޅޭ ހުރިހާ މެޗެއް ބެލުމަށް އެގައުމުގެ ގިނަ "ސެލެބްރިޓީން" ތަކެއް ވަނީ ދަނޑަށް ވަދެފައެވެ.

ޔޫރޯ 2020 ގެ ފައިނަލުގައި އިންގްލެންޑް ނުކުންނާނީ ވަރުގަދަ އިޓަލީ އާއި ދެކޮޅަށެވެ. އިޓަލީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އިޓަލީީ އާއި އިންގްލެންޑުގެ ކުރިމަތިލުން ފެނިގެންދާނެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ 00:00 ގައެވެ. މިމެޗު ކުޅޭނީ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ.