ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި އިންގްލެންޑުން ޑެންމާކުގެ ކުރިމަތިލުން ބެލުމަށް ވަޒީފާއިން "ސިކް ލީވް" ނެގުމަށްފަހު މެޗު ބަލަންގޮސް އިންދާ އެކަން ފަޅާއެރުމުން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

މިކަން ކުރިމަތިވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ނީނާ ފާރޫގީ ނަމަކަށްކިޔާ ފޮޓޯ ގްރާފަރަކަށެވެ.

ނީނާ މެޗު ބެލުމަށް ދަނޑަށް ވަނީ ރަހުމަތްތެރިއަކު އޭނާއަށް ޓިކެޓެއް ދިނުމުންނެވެ. އަދި ޓިކެޓު ލިބުމާއެކު މި ތާރީހީ މޮޅު ހޯދި މެޗު ބެލުމަށް ނީނާ ދިޔައީ ވަޒީފާ ގެއްލިދާނެކަމަށް ކުޑަކޮށްވެސް ހީކޮށްގެނެއް ނޫނެވެ. އެހެންނަމަވެސް ވަޒީފާއަށް ސަލާމް ބުނުމަށްފަހު ނީނާ ދަނޑަށް ދިޔަކަން ފަޅާއެރީ އިންގްލެންޑުން މެޗުގެ ނަތީޖާ އެއްވަރުކުރި ވަގުތު އިނގިރޭސި ސަޕޯޓަރުން އުފާ ފާޅުކުރި މަންޒަރު ޓީވީން ދެއްކި ގަޑިއެއްގައެވެ.

މި މަންޒަރު ނީނާގެ ބޮސް އަށް ފެނުމުން އޭނާ ވަނީ އިންސްޓާގްރާމްގެ ސްޓޯރީއަށް ނީނާ ދަނޑުގައި ހުރި މަންޒަރު ފެންނަ ފޮޓޯ ލުމަށްފަހު އޭނާއަށް ޓެގު ކޮށްފައެވެ.

ބޮސް އަށް ނީނާ ބަލި ނޫންކަން ފަޅާއެރިނަމަވެސް ނީނާއަށް އެކަން އެނގުނީ މެޗު ނިންމާފައި އެނބުރި ގެއަށް އައި މަގުމަތީގައި ބޮސް އޭނާއަށް ގުޅުމުންނެވެ. އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި ނީނާ ބުނީ ބޮސް ގުޅާފައި، ޖެހިގެން އައި ދުވަހު އޮފީހަށް ނައުމަށް އެންގި ކަމަށެވެ.

ނީނާ ބުނީ ވަޒީފާ ގެއްލުމުން ކޮންމެ މީހަކުވެސް އެކަމާއި ވިސްނާނެ ކަމަށާއި އެހެންނަމަވެސް މެޗަށް ދެވުނީތީ އެއްވެސް ވަރަކަށް ދެރަ ނުވާކަމަށެވެ. އަދި މެޗު ބަލަން ނުގޮސް ވަޒީފާއަށް ދިޔަނަމަ މާބޮޑަށް ދެރަވެ ހިތާމަ ކުރާނެކަމަށްވެސް ނީނާ ބުންޏެވެ. މީގެއިތުރުން ނީނާ ބުނީ ދެވަނަ ފަހަރަށް މިފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ކަންތައް ކުރާނީ ހަމަ މިހެން ކަމަށެވެ.

ސަބަބަކީ 1996 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި އިންގްލެންޑުން ޖަރުމަނު އަތުން ބަލިވި މެޗުގައި ޓީވީ ބަލަން އިންއިރު، މިހާރު އިންގްލެންޑު ޓީމުގެ ކޯޗަކަށް ހުރި ގެރެތް ސައުތްގޭޓު ފޮނުވާލި ޕެނަލްޓީ ޖަރުމަނުގެ ކީޕަރު ދިފާއުކުރުމުންވީ ދެރަ އަދިވެސް ހަނދާން ހުންނާތީވެ، މިފަހަރު ބޭނުންވީ ދަނޑަށްގޮސް ފުރަތަމަ ފަހަރަށް އިންގްލެންޑް މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާތަން ދަނޑުގައި ހުރެ ބަލާލުން އެއީ އޭނާގެ ހުވަފެނެއް ކަމަށް ވާތީކަމަށެވެ.

ސެމީގައި އިންގްލެންޑް ޑެންމާކްގެ މައްޗަށް 1-2 އިން ކުރިހޯދާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު، ފައިނަލުގައި އެގައުމު ނުކުންނާނީ ވަރުގަދަ އިޓަލީ އާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ މިމަހުގެ 12 ވަނަ ދުވަހުގެ 00:00 ގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ.