އަފްޣާނިސްތާނުގެ ބިމުގެ %85 ކޮންޓްރޯލް ނެގިއްޖެކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯއަށް މިހާރު ގޮސްއުޅޭ ތާލިބާން ވަފުދުގައި ހިމެނޭ 3 މެމްބަރުންގެ ތެރެއިން ޝަހާބުއްދީން ދިލާވަރު ޕްރެސް ކޮންފަރެންސެއްގައި ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ތާލިބާން ހަނގުރާމަވެރިންވަނީ، ހީރަތު ޕްރޮވިންސްގެ މުހިންމު ޑިސްޓްރިކްޓެއް އިއްޔެ ހިފާފައެވެ.

މީގެއިތުރުން، ތުރްކުމަނިސްތާނުގެ އިމާ ގާތުގައިވާ ޓޯރގްހުންޑި ނަމަކަށްކިޔާ އަވަށެއްވެސް ތާލިބާން ހަނގުރާމަވެރިންވަނީ ރޭގައި ހިފާފައެވެ.

އަފްޣާނިސްތާނުގެ ޑިސްޓްރިކްޓްތަކާއި، ޕްރޮވިންސްތަކުގެ ވެރިރަށްތައް ތާލިބާން ހަނގުރާމަވެރިން ހިފަމުންދާތީ، އެތައްހާސް އާންމުންނާއި، ސަލާމަތީ ބާރުތަކުގެ މެމްބަރުންވެސް ގެންދަނީ، ހިމާޔަތް ހޯދުމަށް އަވަށްޓެރި އީރާނަށާއި، ތަޖިކިސްތާނަށް އެތެރެވަމުންނެވެ.

އަފްޣާނިސްތާނުގައި 370 ޑިސްޓްރިކްޓް ހިމެނޭއިރު، އޭތެރެއިން %85 ރަށްތައް ކޮންޓްރޯލްގެ ދަށަށް ގެނެވިއްޖެކަމަށް ތާލިބާން ޖަމާއަތުން ބުނާއިރު، އަފްޣާނިސްތާނު ސަރުކާރުގެ އޮފިޝަލުން ވިދާޅުވަނީ، މިއީ، އަފްޣާނިސްތާނުގައި ތިބޭ ބޭރު ގައުމުތަކުގެ ސިފައިން ފައިބަމުންދާތީ ތާލިބާނުން ފަތުރަމުންދާ ޕްރޮޕަގެންޑާގެ ބައެއް ކަމަށެވެ.

ތާލިބާން ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ރަށްތައް ހިފަމުންދާތީ، ރަޝިޔާގެ އިތުރުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ޝަހާބުއްދީން ދިލާވަރުވަނީ ޖަވާބު ދެއްވާފައެވެ.

އޭނާ ވިދާޅުވީ، ޚާއްސަކޮށް އިސްލާމިކް ސްޓޭޓް ޖަމާއަތްފަދަ ގްރޫޕްތައް އަފްޣާނިސްތާނުގެ އެތެރޭގައި ހަރަކާތްތެރިވުން ހުއްޓުވަން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނޭ ކަމަށެވެ.

އަދި ވަކީން، އަވަށްޓެރި ގައުމުތަކާ ދެކޮޅަށް ހަރަކާތްތައް ހިންގާ ތަނަކަށް އަފްޣާނިސްތާނުގެ ބިން ބޭނުން ކުރުމުގެ ފުރުސަތު ނުދޭނޭ ކަމަށްވެސް ޝަހާބުއްދީން ދިލާވަރު ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިން 20 އަހަރަށްފަހު މިހާރުވަނީ ފައިބަން ފަށާފައެވެ. އެމެރިކާއިން ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 11 ގެ ކުރިން އެމެރިކާ ސިފައިން އެއްކޮށް ބާލައި ނިންމުމަށެވެ.

އަފްޣާނިސްތާނުގައި އެމެރިކާ އަދި ނޭޓޯގެ ސިފައިން ގާއިމްވެތިބޭ އެންމެ މުހިންމު މަރުކަޒު ކަމަށްވާ ބަގްރާމް އެއަރބޭސް ދޫކޮށް އެމެރިކާ ސިފައިންވަނީ ގޮސްފައެވެ.

ތާލިބާން ހަނގުރާމަވެރިންގެ ހަރަކާތްތައް ވަރުގަދަކޮށް ފުޅާކޮށް، އަފްޣާނިސްތާނުގެ ރަށްތައް ހިފަންފެށީ އެމެރިކާ ސިފައިން ފައިބަން ނިންމި ހިސާބުންނެވެ.

ތާލިބާނުން މިހާރު އަމާޒު ހިފާފައިހުރީ އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަ ކުރުމަށެވެ.