ޔޫރޯ 2020 ގެ ސެމީ ފައިނަލުގައި އިންގްލެންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ ތެރެއިން ޑެންމާކުގެ ކީޕަރުގެ މޫނަށް، އިންގްލެންޑުގެ ސަޕޯޓަރުން ލޭޒާ ލައިޓު އެޅުވި މައްސަލައިގައި ޔޫއެފާ އިން އެގައުމު ޖޫރިމަނާ ކޮށްފިއެވެ.

މިކަން ހިނގާފައިވަނީ މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރުވަގުތުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ޕެނަލްޓީ ޖަހަން ތައްޔާރުވަނިކޮށެވެ. އެގޮތުން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ޕެނަލްޓީ ފޮނުވާލަން ގޮސްހުރިއިރު އިނގިރޭސި ޓީމުގެ ސަޕޯޓަރުން ވަނީ ޑެންމާކުގެ ކީޕަރު ކެސްޕާ ޝްމައިކަލްގެ މޫނަށް ފެހިކުލައިގެ ލޭޒާ ލައިޓެއް އަޅުވާފައެވެ.

މީގެއިތުރުން މެޗުގެ ކުރިން ޑެންމާކުގެ ގައުމީ ސަލާމްކީ ގަޑީގައި އިނގިރޭސި ސަޕޯޓަރުން ޑެންމާކުގެ ގައުމީ ސަލާމަށް އިހްތިރާމް ކުޑަކޮށް އަޑު ލެއްވުމުން އެކަމަށްވެސް ޔޫއެފާ އިން ވަނީ އިންގްލެންޑް ޖޫރިމަނާ ކޮށްފައެވެ.

މިދެކަމަށް ރިއާޔަތްކޮށް ޔޫއެފާއިން ވަނީ އިނގިރޭސި ޓީމް ޖުމްލަ 26000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. އަދި މި ޖޫރިމަނާގެ ތެރޭގައި އިތުރުވަގުތުގެ ދެހާފު ފެށުމުގެކުރިން އިންގްލެންޑުގެ ސަޕޯޓަރުން ފަޓާސް ބޭނުންކުރި މައްސަލަވެސް ހިމެނެއެވެ.

ޔޫރޯގެ ތާރީހުގައިވެސް އިންގްލެންޑް މުބާރާތުގެ ފައިނަލަށް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. މި ޝަރަފު އިންގްލެންޑުން ހޯދިއިރު މިކަން ހާސިލުކުރުމުގައި، ހާއްސަކޮށް ސެމީ ފައިނަލުގައި ކަންތައްތައް ހިނގައިދިޔަ ގޮތާއިމެދު ގިނަ ފަރާތްތަކަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން މެޗުގައި އިންގްލެންޑަށް ލިބުނު ޕެނަލްޓީ އަކީ ދީގެންވާނެ ޕެނަލްޓީއެއް ނޫންކަމަށް ބުނެ ސަޕޯޓަރުންގެ އިތުރުން ފުޓުބޯޅައިގެ ގިނަ މާހިރުންވެސް ވަނީ މެޗުގެ ރެފްރީ އަށް ފާޑުކިޔާފައެވެ.

އަދި ފައިނަލުގައި އިންގްލެންޑް ކުރިމަތިލާ ވަރުގަދަ އިޓަލީގެ މީޑިއާތަކުން ވަނީ މިފަހަރުގެ މުބާރާތް އިންގްލެންޑަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ޔޫއެފާއިން ނާއިންސާފުން ކަންކަން ކުރަމުންދާކަމުގެ ތުހުމަތު ކޮށްފައެވެ.