ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ޔޫރޯގެ 2020 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗުގެ ރެފްރީ އަކަށް ނެދަލެންޑްސްގެ ބިޔޮން ކޮއުޕާސް ހަމަޖައްސައިފިއެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ 00:00 ގައި އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅެވިގެންދާނެ މި މެޗުގައި ވާދަކުރާނީ އިންގްލެންޑާއި އިޓަލީ އެވެ.

މުބާރާތުގެ ފައިނަލުން އިޓަލީ ޖާގަހޯދީ ސެމީ ފައިނަލުގައި ސްޕެއިންގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ކުރިހޯދައިގެންނެވެ. އަދި މިހާ ހިސާބަށް އެޓީމު ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެސް ވެގެންނެވެ.

އިންގްލެންޑް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ޑެންމާކުގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ. އަދި އެގައުމުން ވަނީ ރައުންޑް އޮފް 16 ގައި ޖަރުމަނުގެ މައްޗަށްވެސް ކުރިހޯދާފައެވެ.

ވަރަށް ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދާނެ ކަމަށް ބެލެވޭ މިމެޗުގެ ރެފްރީ އަކަށް ހަމަޖައްސާފައިވާ ނެދަލެންޑްސްގެ ބިޔޮން ކޮއުޕާސް އަކީ ޔޫރަޕް ފުޓުބޯޅައިގެ ތަޖުރިބާކާރު، ގިނަ މެޗުތަކެއްގެ ރެފްރީކަން ކޮށްފައިވާ ފަރާތެކެވެ.

އެގޮތުން 48 އަހަރުގެ ކޮއުޕާސް ވަނީ 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ރެފްރީކަންވެސް ކޮށްފައެވެ. 21 އަހަރުން ދަށުގެ ޔޫރޯ ފައިނަލާއި 17 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތަކުގައިވެސް އޭނާ ވަނީ ރެފްރީކަން ކޮށްފައެވެ.

އަދި އޭނާ އަކީ މިހާތަނަށް 3 ޔޫރޯ މުބާރާތާއި 2 ވޯލްޑް ކަޕްގެ މެޗުތަކުގައިވެސް ރެފްރީކަން ކޮށްފައިވާ ރަޖުރިބާކާރު ރެފްރީއެކެވެ.

ކޮއުޕާސް އަށް އެހީތެރިވުމުގެ ގޮތުން މެޗުގައި ލައިންސްމަނުންގެ ގޮތުގައި ހަރަކާތްތެރި ވާނީ ނެދަލެންޑްސްގެ ސޭންޑަރ ވެން ރޮއެކެލް އާއި އާރވިން ޒެއިންސްޓްރާ އެވެ. އަދި 4 ވަަނަ އޮފިޝަލެއްގެ ގޮތުގައި ސްޕެއިންގެ ކާލޮސް ޑެލް ސެރޯ ގްރާންޑް ހަރަކާތްތެެރިވާއިރު ރިޒާވް އެސިސްޓަންޓް ރެފްރީ އަކީ ހަމަ ސްޕެއިންގެ ހުއާން ކާލޯސް އެވެ.

މި މެޗުގެ ވާޗުއަލް އެސިސްޓަންޓް ރެފްރީން (ވީއޭއާރް) ގެ ގޮތުގައި ބައިވެރިވާނީ ޖަރުމަނުގެ ބަސްޓިއަން ޑެންކާޓް އާއި ނެދަލެންޑްސްގެ ޕޯލް ވޭން ބޮއެކަލްގެ އިތުރުން ޖަރުމަނުގެ ކްރިސްޓިއަން ގިޓެލްމަން އާއި މާކޯ ފްރިޓްސް އެވެ.

ޔޫރޯ 2020 ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ 00:00 ގައި ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައެވެ.