މިއަހަރުގެ އަރަފާތު ދުވަސް ނުވަތަ ޙައްޖު ދުވަހަކީ މި ޖުލައިމަހުގެ 19 ވާ ހޯމަދުވަސް ކަމަށް ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އަރަފާތު ދުވަހުގެ އިތުރުން، މިއަހަރުގެ އަޟްހާ އީދުގެ ފުރަތަމަ ދުވަކީ ޖުލައިމަހުގެ 20 ވަނަ ދުވަސް ކަމަށްވެސް ކަނޑައަޅާފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅައި ބަޔާނެއް ނެރެފައި މިވަނީ، ސައުދީ އަރަބިއްޔާއަށް މިއަހަރުގެ ހައްޖުމަހުގެ ހަނދު ނުފެނުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ، މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފެށޭނީ ޖުލައިމަހުގެ 18 ވަނަ ދުވަހު ކަމަށާއި، ނިމޭނީ ޖުލައިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފެށުމަށް މައްކާގައި ހުންނަ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަދި ސައުދީ އަރަބިއްޔާވެސް ތައްޔާރުވެފައި ވާއިރު، ހައްޖުގެ އަޅުކަމަށް އައުމަށް ފުރުސަތުދޭން ކަނޑައެޅި 60،000 މީހުންގެ އޮންލައިން ރަޖިސްޓްރޭޝަންގެ ކަންކަން މިހާރު ނިމިފައިވާ ކަމަށް ސައުދީ މިނިސްޓްރީ ހައްޖު އެންޑް އުމްރާއިން ހާމަކޮށްފައިވެއެވެ.

ކޮވިޑްބަލީގެ ހާލަތު ރަނގަޅު ނުވާތީ، މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފުރުސަތު ދީފައިވަނީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި، ސައުދީގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 60،000 މީހުންނަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފުރުސަތު ދެވުނު މީހުން ދުނިޔޭގެ 150 ގައުމަކަށް ނިސްބަތްވާ ކަމަށް ސައުދީ މިނިސްޓްރީ އޮފް ހައްޖުން ބުނެފައިވެއެވެ.

ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް މިއަހަރު ފުރުސަތު ދީފައިވަނީ، ބައްޔެއްގައި ނޫޅޭ އަދި ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް އެކަންޏެވެ.

އަދި ހައްޖުގެ އަޅުކަމުގެ ތެރޭގައި، ކޮވިޑުން ރައްކާތެރިވުމަށް ވަރަށް ހަރުކަށި ފިޔަވަޅުތައްވެސް ވަނީ ތައާރަފްކޮށްފައެވެ.

ކޮވިޑްބަލީގެ ހާލަތު އައުމުގެކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު 2.5 މިލިއަނަށްވުރެ ގިނަ މުސްލިމުން ގެންދިޔައީ މާތްވެގެންވާ މައްކާއަށާއި، މަދީނާއަށް ޒިޔާރަތްކޮށް ހައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކުރަމުންނެވެ. އަދި މުޅި އަހަރުތެރޭގައި އެތައް މިލިއަން މުސްލިމުން ގެންދިޔައީ އުމްރާގެ އަޅުކަމަށް ސައުދީއަށް ޒިޔާރަތް ކުރަމުންނެވެ.

މިއަހަރަކީ، ހައްޖުގެ މަތިވެރި އަޅުކަމަށް ބޭރު ގައުމުތަކުގެ މީހުންނަށް ފުރުސަތު ނުދޭން ސައުދީ އަރަބިއްޔާއިން ނިންމި ދެވަނަ އަހަރެވެ.