ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ކުރިއަށްގެންދިޔަ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތުގެ އިންކުއަރީގެ ރިޕޯޓު މަޖިލީހުން ރައީސް ނަޝީދަށް މިއަދު އަރުވައިފިއެވެ.

6 މެއި ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ ޕާލަމެންޓަރީ އިންކުރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެރުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމެވެ.

އާންމުކޮށްފައިވާ ރިޕޯޓުގައި އުނިކޮށްފައިވާ ބައިތައްވެސް މި ރިޕޯޓުގައި ވާނީ ހިމަނާފައި ކަމަށާއި އަދި ބައްދަލުވުންތަކުގަ ބައިވެރިވި ހުރިހާ ބޭފުޅުންގެ ސުވާލުތަކުގެ ޖަވާބު ހިމެނޭ ޔައުމިއްޔާތަކުގެ 3 ވޮލިއުމްވެސް ރައީސް ނަޝީދަށް އެރވި ރިޕޯޓުގައި ހިމަނާފައިވާނޭ ކަމަށްވެސް ކޮމެޓީގެ މުގައްރިރު ވިދާޅުވިއެވެ.

ތިންހާހަށް ވުރެ ގިނަ ސޮފްހާ ހިމެނޭ މި ވޮލިއުމްގަ ކޮމެޓީން ހޯދި ހުރިހާ ރަސްމީ ލިޔެކިޔުންތައް ހިމެނޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ހިންގި ޕާލިމެންޓްރީ އިންކުއަރީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީން ފާސްކުރީ މިމަހުގެ 8 ވަނަ ދުވަހުގައެވެ.

ރިޕޯޓު ފާސްކުރުމަށް ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ ޖުމްލަ 236 ގަނޑުގެ ރިޕޯޓު އާއްމުކުރާއިރު، ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް އުނިކުރުމަށް ކޮމިޓީން ނިންމާފައިވާކަމަށެވެ.

ނަމަވެސް އެ ރިޕޯޓު ރައީސާއި މަޖިލީހުގެ ރައީސްގެ އިތުރުން އުއްތަމަ ފަނޑިޔާރާ ހިއްސާކުރާއިރު، އެ ހުރިހާ މައުލޫމާތެއް ހިމެނޭނެ ކަމަށެވެ.

މީގެއިތުރުން އިންކުއަރީގެ އަމާޒާއި ސްކޯޕްގެ އިތުރުން، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް މި ރިޕޯޓުގައި ހިމަނާފައިވެއެވެ. އަދި ރައީސް ނަޝީދަށް ހަމަލާދިނުމުގެ ކުރިންނާއި، ހަމަލާގެ ފަހުން ކަން ހިނގާދިޔަ ގޮތް ވަރަށް ތަފްސީލްކޮށް މި ރިޕޯޓުގައި ބަޔާންކޮށްފައިވާނެ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.