ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީން ކު ރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އެވެ.

މިކަމަށްޓަކައި މިއަދު މެންދުރު ރަޢިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ، މި ރިޕޯޓު މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލައްވާ ހުށައެޅުއްވި ކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

އަދި މި ރިޕޯޓް ބަލައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިޞްލާޙުކުރަން ހުރި ކަންކަން އިޞްލާޙު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި، ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ ފަރާތުން ވަނީ މި ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދަންނަވާފައެވެ. އަދި މި ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި ބޭނުންވި ކަންކަން ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުންވެސް ދެއްވި އެއްބާރުލުން ފާހަގަކޮށްފައިވެއެވެ.

ކޮމީޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށެވެ. އަދި މި ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުޤީޤީ ސިފަތައް ނުހިމެނޭނޭހެން މި އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައިވާކަން މުގައްރިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާ އަދި ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ، ލީގަލް އެފެއާޒް، އަހްމަދު ނާޒިމް މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.