ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2016/29) އަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ.

މި ބިލަކީ 2021 ޖުލައި މަހުގެ 5 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލާއެކު ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ޑިޕާޗަރ ޓެކްސްގެ ނަމުގައި ޓެކްސްއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓެކްސް ނަގާނީ 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.

މި ގާނޫނުގައި ބުނާ އެއާޕޯޓް ސަރވިސް ޗާޖް ނެގުމަށް ހަމަޖެހިފައި ވަނީ 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ.

މީގެ އިތުރުން ވެސް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖާއި، ޑިޕާޗަރ ޓެކްސްގެ އިތުރުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ނަމުގައި ފީއެއް ނެގުމަށް ވަނީ ނިންމާފައެވެ.

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، ޢުމުރުން 2 އަހަރު ފުރިހަމަނުވާ ކުޑަކުދިން، ޑިޕާޗަރ ޓެކްސް ނެގުމުން އިސްތިސްނާވާނެއެވެ.

އެއާޕޯޓް ސަރވިސް ޗާޖް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކްސް ދައުލަތައް ދެއްކުމަކީ އެ އެއަރލައިނެއްގެ ޒިންމާއެއްކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، ދައުލަތަށް ހަމައަށް އެ ފައިސާ ދެއްކުމަކީ އެ ބޯޓެއް ފުރި އެއަރޕޯޓް ހިންގާ ފަރާތުގެ ޒިންމާއެއްކަމުގައި މި ބިލުން ވަނީ ކަނޑައަޅާފައެވެ.

މި ބިލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ކޮންމެ މީލާދީ މަހަކު، ދިވެހިރާއްޖޭގެ އެއާޕޯޓަކުން އެ މަހެއްގެ ތެރޭގައި ދިވެހިރާއްޖޭން ބޭރަށް ފުރި ފަސިންޖަރުންނާބެހޭ މަޢުލޫމާތާއި، އެ ފަރާތްތަކުގެ އަތުން އެއާޕޯޓް ސަރވިސް ޗާޖް ނުވަތަ ޑިޕާޗަރ ޓެކްސްގެ ގޮތުގައި ނަގަންޖެހޭ އަދަދާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަންޖެހޭ އަދަދު އަންގައިދޭ ބަޔާނެއް، މީރާއިން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް ތައްޔާރުކުރުމަށްފަހު، ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މީރާއަށް ހުށަހަޅަންވާނެއެވެ.

އަދި، އެއާޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، މީރާއަށް ދައްކަންވާނީ އެމެރިކާ ޑޮލަރުންނެވެ.