ދެ ޑޯޒް ވެކްސިން ޖެހިފަހުންވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންނަށް ބޫސްޓަރ ޑޯޒެއް ދިނުމަށް ވިސްނަމުންދާ ކަމަށް ތައިލެންޑުން ހާމަކޮށްފިއެވެ.

ޗައިނާގެ ސިނޮވެކް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހިފަހުން 600 އަށްވުރެ ގިނަ މެޑިކަލް ސްޓާފުން ކޮވިޑް ޕޮޒިޓިވްވެފައިވާ ކަމަށް ތައިލެންޑް ސަރުކާރުގެ ހެލްތު މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.

ތައިލެންޑް ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ބުނާގޮތުން، އެގައުމުންވަނީ 677،348 މެޑިކަލް ސްޓާފުންނަށް ސިނޮވެކް ވެކްސިންގެ ދެޑޯޒް ޖަހާފައެވެ. ނަމަވެސް އޭގެ ތެރެއިން 618 ސްޓާފުން ފަހުންވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން ނަރުހަކު ކޮވިޑްބަލީގައި މަރުވެފައި ވާއިރު، އިތުރު މެޑިކަލް ސްޓާފެއް މިހާރު އޮތީ އައިސީޔޫގައެވެ.

ތައިލެންޑްގެ އެކްސްޕާޓް ޕެނަލަކުންވަނީ، މެޑިކަލް ސްޓާފުންގެ ތެރެއިން ރިސްކުބޮޑު މީހުންގެ އިމިއުނިޓީ ނުވަތަ ބަލިން ދިފާއުވުން ވަރުގަދަ ކުރުމަށްޓަކައި ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމަށް މަޝްވަރާ ދީފައެވެ.

މިކަމާ ގުޅޭގޮތުން ބޭއްވި ޕްރެސް ބްރީފިންއެއްގައި ތައިލެންޑް ސަރުކާރުގެ ސިއްހަތާބެހޭ އިސް އޮފިޝަލެއް ކަމަށްވާ ސޮޕޮން ވިދާޅުވީ، އެކްސްޕާޓުން ހުށަހެޅި މަޝްވަރާއަށް ސަރުކާރުން ހޯމަދުވަހު ގޮތެއް ނިންމާނޭ ކަމަށެވެ.

އަދި ތިންވަނަ ނުވަތަ ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ޖަހާނީ ސިނޮވެކް ވެކްސިންގެ ބަދަލުގައި އެސްޓްރަޒެނެކާފަދަ އެހެން ވެކްސިނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޫސްޓަރ ޑޯޒެއް ޖެހުމަށް ވިސްނަމުންދާ ކަމަށް ތައިލެންޑުން އިއުލާންކުރި އިރު، އެގައުމުގައި ކޮވިޑްބަލީގެ ހާލަތުވެސް ދަނީ އިތުރަށް ގޯސްވަމުންނެވެ. މިއަދުވެސް އެގައުމުން ރެކޯޑް އަދަދަކަށް މީހުންވަނީ ޕޮޒިޓިވްވެފައެވެ.

ތައިލެންޑުން މިހާތަނަށް 336،371 މީހުންނަށް ކޮވިޑްބަލި ޖެހިފައިވާއިރު، 2،711 މީހުންވަނީ ބަލީގައި މަރުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެކަނިވެސް 91 މީހުން މަރުވެފައިވާ ކަމަށް ރެކޯޑްކުރެވިފައި ވެއެވެ.

ބައްޔާ ދެކޮޅަށް ތައިލެންޑުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ ފެބްރުއަރީމަހުގެ ފަހުން މެޑިކަލް ސްޓާފުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ މީހުންނަށްވަނީ ސިނޮވެކް ވެކްސިން ޖަހާފައެވެ.

ތައިލެންޑާ އަވަށްޓެރި އިންޑޮނޭޝިޔާގައިވެސް މައިގަނޑަކަށް ޖަހަމުން ގެންދަނީ ސިނޮވެކް ވެކްސިނެވެ.

އިންޑޮނޭޝިޔާއިން ހުކުރު ދުވަހު ބުނެފައިވަނީ، ދެޑޯޒް ޖަހާފައިވާ މެޑިކަލް ސްޓާފުންނަށް ބޫސްޓަރ ޑޯޒެއްގެގޮތުގައި އެގައުމުން ޖަހާނީ މޮޑަނާގެ ވެކްސިން ކަމަށެވެ.

ސިނޮވެކް ވެކްސިން ޖެހި މީހުންނަށް ބޫސްޓަރ ޑޯޒެއް ޖަހަން ތައިލެންޑާއި، އިންޑޮނޭޝިޔާއިން ނިންމުމަކީ، އެ ދެގައުމުގެ އާންމުންގެ އިތުބާރު ޗައިނާގެ ވެކްސިނަށް ކުޑަވެގެން ދާނޭ ކަމެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.