ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ ގެ މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗަށް ތައްޔާރުވަމުންދާއިރު އެންމެ ބޮޑު ސުވާލަކީ މިފަހަރަގު ޗެމްޕިއަންކަން ހޯދާނީ ކޮން ޓީމަކުން ތޯއެވެ. އިޓަލީ އާއި އިންގްލެންޑުގެ ކުރިމަތިލުމުން ކުރިހޯދާނީ ކޮންބައެއްތޯ ކުރެވޭ ސުވާލެވެ.

ކުރު ގޮތަކަށް ބުނާނަމަ "އިފް އިޓް އިސް ކަމިންގް ހޯމް" ތޯ ނުވަތަ "ގޮއިންގް ޓު ރޯމް" ތޯ ކުރެވޭ ސުވާލެވެ.

މުބާރާތުގެ ތާރީހައް ބަލާލާއިރު މިހާތަނަށް އިންގްލެންޑަށް ޔޫރޯ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް މިފަހަރުގެ މުބާރާތުގައި އިންގްލެންޑް ޓީމަށް ބޮޑެތި އެޑްވާންޓޭޖް ތަކެއް ހުރުމާއެކު އަދި މިފަހަރުގެ މުބާރާތުގައި އެގައުމުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނާތީ ބައެއް ފަރާތްތަކުން ބުރަވަނީ އިޓްސް ކަމިންގް ހޯމް ކަމަށެވެ.

އެގޮތުން އިންގްލެންޑް ޓީމަށް އޮތް އެންމެ ބޮޑު އެއް އެޑްވާންޓޭޖަކީ މުބާރާތުގެ މުހިންމު ގިނަ މެޗުތަކެކޭ އެއްފަދައިން މިރޭގެ ފައިނަލް މެޗުވެސް ކުޅޭނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުގައެވެ. މީގެއިތުރުން މުޅި ގައުމު އިނގިރޭސި ޓީމުގެ ފަހަތުގައި އޮތްއިރު އެގައުމުގެ އާންމު ރައްޔިތުންގެ އިތުރުން ސެލެބްރިޓީންނާއި އިނގިރޭސި ރާނީ ވެސް ވަނީ ޓީމަށް ހިތްވަރުދީ މެސެޖް ފޮނުވާފައެވެ. އެހެންކަމުން މިފަހަރު އިންގްލެންޑަށް ތަށި ހޯދައިދިނުމަށް ސަޕޯޓަރުންގެ ދައުރުވެސް ބޮޑު ވާނެއެވެ.

އަނެއް ކޮޅުން ބަލާއިރު އިޓަލީގެ މިފަހަރުގެ ޔޫރޯ ސްކޮޑަކީ ތަފާތު މޮޅު ސްކޮޑެކެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ އިޓަލީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި، މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ ސްޕެއިންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މީގެ އިތުރުން މިހާތަނަށް އެޓީމުން މުބާރާތުގައި ކުޅުނު 6 މެޗުގައި ޖުމްލަ 12 ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ. އެހެންކަމުން އިޓަލީ އަކީ މިހާތަނަށް މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ޓީމުވެސް މެއެވެ.

އިންގްލެންޑުން މީގެ ކުރިން ބޮޑު މުބާރާތެއްގެ ފައިނަލުގައި ކުޅުނީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގައެވެ. އެ ފަހަރު އެ ގައުމުން ވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މި ފަހަރުގެ ފައިނަލަކީ 2012 ވަނަ އަހަރުގެ ފަހުން އިޓަލީން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލުގައި އިޓަލީ ބަލިވީ ސްޕެއިން އަތުންނެވެ.

ހެޑް-ޓު-ހެޑް

މި ދެޓީމުގެ ހެޑް ޓު ހެޑް ނަތީޖާ އަށް ބަލާލާއިރު ދެޓީމުން ވަނީ ޖުމްލަ 27 ފަހަރަކަށް ކުރިމަތިލާފައެވެ. މި 27 މެޗުގެ ތެރެއިން އިންގްލެންޑް މޮޅުވެފައިވަނީ 8 ފަހަރެވެ. އިޓަލީން ވަނީ 11 މެޗުން މޮޅުވެފައެވެ. ބާކީ 8 މެޗުވީ އެއްވަރެވެ.

އެންމެފުރަތަމަ މި ދެޓީމު މެޗެއް ކުޅެފައިވަނީ ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗެއްގައި 13 މެއި 1933 ވަނަ އަހަރުއެވެ. މިމެޗު ވީ އެއްވަރެވެ. އެންމެ ފަހުން މި ދެޓީމުގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވަނީވެސް އެކުވެރިކަމުގެ މެޗެއްގައެވެ. 2018 ވަނަ އަހަރުގެ މާރޗް މަހުގެ 27 ވަނަ ދުވަހު ކުޅުނު މިމެޗުވެސް 1-1 އިންވީ އެއްވަރެވެ.

އެންމެފަހުން މި ދެޓީމު ކުޅުނު ފަސްމެޗަށް ބަލާލާއިރު މި 5 މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރީ އިޓަލީއެވެ. އިންގްލެންޑް އިން މޮޅުވެފައިވަނީ އެންމެ މެޗެއްގައެވެ. ބާކީ ދެމެޗުވީ އެއްވަރެވެ.

ދެ ކޯޗުންގެ ބަސް:

ގެރެތު ސައުތުގޭޓް (އިންގްލެންޑް):

ފައިނަލް މެޗުގެ ކުރިން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ މި މެޗަކީ އިންގްލެންޑަށް ތާރީޚީ މެޗެއް ކަމަށާއި، މި މެޗުގައި ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް އިންގްލެންޑުގެ މިހާރުގެ ސްކޮޑު ވެގެންދާނީ އެންމެ ކާމިޔާބު ސްކޮޑަށް ކަމަށެވެ. އަދި އިދިކޮޅަށް ނުކުންނަ އިޓަލީއަކީ ވަރަށް ރަނގަޅަށް ޑިފެންސްކޮށްގެން ކުޅޭ ޓީމެއް ކަމަށާއި، މި މެޗަކީ އިންގްލެންޑުން ފަސޭހަކޮށްލައިގެން ކުޅެފިނަމަ ލަނޑު ލިބޭނެ މެޗެއް ކަމަށްވެސް ބުންޏެވެ.

ސައުތްގޭޓަށް މި މެޗަކީ އަމިއްލަ ސަބަބަކާއި ހެދި މުހިންމު މެޗެކެވެ. ސަބަބަކީ 1996 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި އިންގްލެންޑުން ޖަރުމަނު އަތުން ބަލިވެ މުބާރާތުގެ ފައިނުން ޖާގަ ނުލިބުނީ ޕެނަލްޓީ ޝޫޓް އައުޓުގައި ސައުތްގޭޓް އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމުންނެވެ. އެހެންކަމުން ކުޅުންތެރިއެއްގެ ގޮތުގައި ގައުމަށް ހޯދައި ނުދެވުނު ކާމިޔާބީ، ކޯޗެއްގެ ގޮތުގައި އޭނާ ހޯދައިދޭން ބޭނުންވާނެ އެވެ.

ރޮބާޓޯ މަންޗިނީ (އިޓަލީ):

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ އިޓަލީއާ ދެކޮޅަށް ނުކުންނަ ޓީމަށް އޮތް ފައިދާތަކަށް ނުވިސްނާ ކަމަށާއި، ހުރިހާވެސް ވިސްނުމެއް ހުރީ ޗެމްޕިއަންކަން ހޯދުމަށް ކަމަށެވެ. އަދި ފުޓްބޯޅައިގައި އަބަދުވެސް ކޮންމެސް ބަޔަކަށް ފައިދާތަކެއް އޮންނާނެ ކަމަށާއި، އެކަމަކު މެޗުގެ ނަތީޖާ ނެރޭނީ ކުޅެން އަރާ ކުޅުންތެރިންގެ މަސައްކަތުން ކަމަށެވެ.

މެޗާއި މި ދެ ޓީމުން ކުރިމަތިލާއިރު މި މެޗު ވެގެންދާނީ ދެ ޓީމަށްވެސް ވަރަށް މުހިންމު އަދި ކަށިން ހިތްވަރުނެރެ މޮޅުވާން ބޭނުންވާނެ މެޗަކަށެވެ. ފައިނަލް މެޗަކަށް ވުމުގެ އިތުރުން މި މެޗަކީ ދެޓީމަށްވެސް އެހެން ގޮތްގޮތުން މުހިންމު މެޗަކަށް ވަނީ ވެފައެވެ. އެގޮތުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ވިދުން ފަނޑުވުމަށްފަހު އަލުން އެނބުރި ކުރީގެ ފެންވަރަށް ދިޔުމަށް އިޓަލީއަށް މި މެޗުން މޮޅުވުން މުހިންމެވެ. އަނެއްކޮޅުން މިއީ 55 އަހަރަށްފަހު ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންގްލެންޑް ކުޅޭނެ ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަކީ އިންގްލެންޑަށް ނިސްބަތްވާ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމެކެވެ.

އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައެވެ.