ގައުމަށް ފުރަތަމަ ފަހަރަށް ޔޫރޯގެ ތަށި ހޯދައިދިނުމުގެ އަޒުމުގައި ނުކުތް އިންގްލެންޑް ބަލިކޮށް، އިޓަލީން ޔޫރޯ 2020 ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

"އިޓްސް ކަމިންގް ހޯމް" ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރަމުންދިޔަ އިންގްލެންޑް ބަލިކޮށް އިޓަލީން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު މިއީ އެގައުމުން މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މިއީ މުބާރާތުގެ ފައިނަލަށްވެސް އިންގްލެންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މި ފައިނަލް މެޗު އިޓަލީން ކާމިޔާބުކުރީ ޕެނަލްޓީގައި 2-3 އިން ކުރިހޯދައިގެންނެވެ. މިއީ މުބާރާތުގެ ތާރީހުގައިވެސް ފައިނަލް މެޗުގައި ޕެނަލްޓީ ޖަހަންޖެހުނު ދެވަނަ ފަހަރެވެ.

އިޓަލީ އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި ކީޕަރުގެ ދައުރު ބޮޑު- ފޮޓޯ:- ގެޓީ އިމޭޖަސް

އެންމެ ފުރަތަމަ މުބާރާތުގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ 1976 ވަނަ އަހަރު ޔޫގޮސްލާވިއާގައި ބޭއްވި ޔޫރޯގެ 5 ވަނަ މުބާރާތުގައެވެ. އެމެޗު ޕެނަލްޓީގައި 3-5 އިން ވެސްޓް ޖާމަނީގެ މައްޗަށް ކުރިހޯދާ، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗެކޮސްލޮވާކިއާ އެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އިޓަލީއަށް ރަނގަޅަށް ގޭމުގެ ތެރެއަށް ނުވަދެވުގެން އުޅެނިކޮށް އިންގްލެންޑުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނަގާފައެވެ.

ޓްރިޕިއަރ ނަގައިދިން ހުރަހެއް އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ވޮލީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އިންގްލެންޑަށް ލީޑު ނަގައިދިނީ ލޫކް ޝޯ އެވެ.

މިއީ ލޫކް ޝޯ އިންގްލެންޑުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިއީ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯގެ ތާރީހުގައިވެސް މުބާރާތުގެ ފައިނަލް މެޗުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ. އޭނާ މިލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 1 މިނެޓާއި 57 ސުކުންތުގައެވެ.

މިލަނޑަށްފަހު މަޑުމަޑުން އިޓަލީން މެޗުގެ ކޮންޓްރޯލް ހޯދާ ކުޅުން ރަނގަޅު ކުރިއެވެ. ހާއްސަކޮށް މެދު ތެރެއިން އެޓީމުން ވަނީ ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓާ އެޓޭކްތަކެއް ކުރަން ފަށާފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ ނަތީޖާއަށް ބަދަލެއް ނައިސް އެވެ،

އެހެންނަމަވެސް މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދަމުން އައި އިޓަލީން ވަނީ ދެވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މެޗުގެ 67 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮނާޑޯ ބޮނޫޗީ އެވެ.

ބޮނޫޗީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލަނީ - ފޮޓޯ:- ގެޓީ އިމޭޖަސް

ލަނޑަށްފަހުވެސް މޮޅަށް ކުޅެމުންދިޔަ އިޓަލީން ވަނީ އިންގްލެންޑުގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން 73 ވަނަ މިނެޓުގައި ހާފުގެ މެދެއްހާ ހިސާބުން ވެރާޓީ ތަނަވަސްކޮށްދިން ހުރަހަކުން ބެރާޑީ ވަނީ ވަރަށް ރަނގަޅަށް ބޯޅައަށް ހުސްވެ ގޯލާއި ދިމާލަށް ފޮނުވާލާފައެވެ. އެހެންނަމަވެސް އިނގިރޭސި ޓީމުގެ ކީޕަރު ކުރި ޕްރެޝަރުގެ ސަބަބުން ބެރާޑީ އަށް މިހަމަލާ އެންމެ ރަނގަޅަށް ފޮނުވާލެވިފައެއް ނުވެއެވެ. ބެރާޑީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 1-1 އިން މެޗު އެއްވަރުވެގެންނެވެ. ފުރަތަމަ 90 މިނެޓު ނިމުނުއިރު އިޓަލީން ވަނީ ޖުމްލަ 14 ހަމަލާއެއް އުފައްދާ 5 ހަމަލާއެއް ގޯލާއި އަމާޒު ކޮށްލާފައެވެ. އިންގެލެންޑް ޓީމަށް އުފެއްދުނީ ޖުމްލަ 4 ހަމަލާއެކެވެ. 90 މިނެޓުގެ ކުޅުން ނިމުނުއިރު 67 އިންސައްތަ އާއިއެކު މެޗުގެ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓް ކުރީ އިޓަލީންނެވެ.

90 މިނެޓު ހަމަވިއިރު ދެޓީމު އެއްވަރުވެފައި އޮތުމުން އިތުރުވަގުތުގެ ދެހާފު ކުޅުނުއިރު ދެޓީމުންވެސް ވަނީ އެޓޭކިންގް މޮޅު ގޭމެއް ކުޅެފައެވެ. އެގޮތުން ދެޓީމުންވެސް ވަނީ އިދިކޮޅު ޓީމަށް ނުރައްކާކޮށް ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުންކުރެ ޓީމެއްގެ ކުޅުންތެރިއަކަށް ހިފިފައެއް ނުވެއެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީ ޝޫޓް އައުޓުގައި އިޓަލީގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ފެޑެރިކޯ ބާނަޑޭޝީ އާއި ލެއޮނާޑޯ ބޮނޫޗީގެ އިތުރުން ޑޮމެނިކޯ ބެރާޑީއެވެ. އެޓީމަށް ކާމިޔާބު ނުކުރެވުނީ ބެލޯޓީ އާއި ޖޯޖީނިއޯ ފޮނުވާލި ޕެނަލްޓީއެވެ. އިންގްލެންޑް ޓީމުން ޕެނަލްޓީ ވައްދާލާފައިވަނީ ކެޕްޓަން ހެރީ ކޭން އާއި ހެރީ މެގުއަރ އެވެ. އިންގްލެންޑް ޓީމުން ޕެނަލްޓީ ކާމިޔާބު ނުކުރަނީ ބުކަޔޯ ސަކާ އާއި ޖޭޑަން ސަންޗޯގެ އިތުރުން މާކަސް ރަޝްފޯޑެވެ.

ޑޮނަރުންމާ ވަނީ ދެ ޕެނަލްޓީ މަތަކޮށްފަ- ފޮޓޯ؛- ގެޓީ އިމޭޖަސް

މި ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އިޓަލީން ހޯދިއިރު އެންމެފަހުން އެޓީމުން މުބާރާތް ކާމިޔާބުކުރީ 1968 ވަނަ އަހަރުގައެވެ. އެހެންނަމަވެސް 2012 ވަނަ އަހަރު އިޓަލީން ވަނީ މުބާރާތުގެ ރަނަރަޕް ކަން ހޯދާފައެވެ. އެފަހަރުގެ ފައިނަލުގައި އިޓަލީ ސްޕެއިން އަތުން ބަލިވީ 0-4 ގެ ނަތީޖާ އަކުންނެވެ.