ޔޫރަޕު ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯގެ 2020 ވަނަ އަހަރުގެ މުބާރާތް ނިމިގެންދިޔައިރު މުބާރާތް ކާމިޔާބުކުރީ ވަރުގަދަ އިޓަލީ އެވެ.

އިޓަލީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރީ ސައްތައިން ސައްތަ ރެކޯޑަކާއި އެކު، ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ފައިނަލް މެޗުގައި އިޓަލީން އިނގިރޭސިވިލާތުގެ މައްޗަށް ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. މިއީ މިމުބާރާތުގެ ފައިނަލުގައި އިންގްލެންޑުން ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މި މުބާރާތް އިޓަލީން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. އެންމެފަހުން މި މުބާރާތް އިޓަލީން ކާމިޔާބު ކޮށްފައިވަނީ 1968 ވަނަ އަހަރުގައެވެ.

މުބާރާތުގައި ގިނަ ލަނޑުތަކެއް ފެނިގެން ގޮސްފައިވާއިރު މުޅި މުބާރާތުގައި ޕެނަލްޓީ ޝޫޓް އައުޓްގައި ޖެހި ލަނޑުތައް ފިޔަވާ، 141 ލަނޑު ވަނީ ފެނިގެން ގޮސްފައެވެ. ހަމައެކަނި ގްރޫޕް ސްޓޭޖުގައިވެސް 94 މެޗު ވަނީ ފެނިގެންގޮސްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ:

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ- ފޮޓޯ:- ގެޓީ އިމޭޖަސް

ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިޓަލީގެ ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮނަރުންމާ އެވެ. އުމުރުން 22 އަހަރުގެ ޑޮނަރުންމާ އަށް މިމަގާމު ލިބުނުއިރު އޭނާ އަކީ މިވަގުތު އެއްވެސް ކުލަބަކަށް ނިސްބަތްނުވާ ފްރީ އެޖެންޓެކެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީ އާއި ޑޮނަރުންމާ އާއި ދެމެދު ވަނީ އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައެވެ.

މުބާރާތުގައި އިޓަލީން ކުޅުނު ހުރިހާ މެޗެއްގައިވެސް ފުރަތަމަ 11 ގަ ހިމެނިގެން ޑޮނަރުންމާ ވަނީ ފާހަގަކޮށްލެވޭ ވަރުގެ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މި މުބާރާތުގައި އިޓަލީން ކުޅުނު 7 މެޗުގައި ކުޅުމުގެ ތެރެއިން ބައިކޮޅަށް ވަދެފައިވަނީ 4 ލަނޑެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްވެސް އިޓަލީން ނިންމާލީ ބައިކޮޅަށް ލަނޑެއް ނުވައްދައެވެ.

މީގެއިތުރުން އިޓަލީން މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލުގައި ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޕެނަލްޓީ ޝޫޓް އައުޓުގައިވެސް ޑޮނަރުންމާ ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ. ފައިނަލް މެޗުގައި އޭނާ ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ.

ޔޫރޯ 2020 ގެ ރަން ބޫޓު:

މުބާރާތުގެ ރަން ބޫޓުގެ ހައްގުވެރި ކުޅުންތެރިޔާ:- ފޮޓޯ:- ގެޓީ އިމޭޖަސް

މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޝަރަފުވެރި ރަން ބޫޓު ހާސިލް ކޮށްފައިވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ މި މުބާރާތުގައި ޕޯޗުގަލް އިން ކުޅުނު 4 މެޗުން 5 ލަނޑު ކާމިޔާބު ކޮށްފައެވެ. އެހެންންމަވެސް މި ފަސްލަނޑު އޭނާ ކާމިޔާބުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުންނެވެ.

ގްރޫޕް އޮފް ޑެތުގެ ގޮތުގައި ނިސްބަތްކުރެވުނު މުބާރާތުގެ ގްރޫޕް އެފްގައި ހިމެނެނީ ޕޯޗުގަލް އާއި ފްރާންސްގެ އިތުރުން ޖަރުމަނު އަދި ހަންގޭރީ އެވެ. ރޮނާލްޑޯ ވަނީ ފްރާންސް އާއި ހަންގޭރީ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުތަކުގައި ކޮންމެ ޓީމެއް ކޮޅަށް ދެލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ޖަރުމަނު އަތުން ބަލިވި މެޗުގައިވެސް އޭނާ ވަނީ ލަނޑެއް ޖަހާފައެވެ.

މުބާރާތުގެ ގޯލްޑަން ބޫޓު ރޮނާލްޑޯ ހޯދިއިރު އޭނާ ލަނޑުޖެހިވަރަށް ޗެކް ރިޕަބްލިކްގެ ފޯވާޑް، ޕެޓްރިކް ޝިކް ވެސް ވަނީ ލަނޑު ޖަހާފައެވެ. ގޯލްޑަން ބޫޓު ރޮނާލްޑޯ އަށް ލިބެނީ ދެ ކުޅުންތެރިން ޖަހާފައިވާ ލަނޑުތަކުގެ އަދަދު އެއްވަރުވުމުން ކޮށްފައިވާ އެސިސްޓް ތަކަށް ބަލައިގެންނެވެ.

އެހެންނަމަވެސް ހަގީގަތުގައި މުބާރާތުގައި ފެނިގެންދިޔަ އެންމެ ގިނަ ލަނޑުތަކަކީ ބައިކޮޅަށް ވަތް ލަނޑުތައް ނުވަތަ އޯން ގޯލް ތަކެވެ. ޖުމްލަ 11 އޯން ގޯލް މުބާރާތުގައި ފެނިގެން ގޮސްފައިވާއިރު މިއީ މުބާރާތުގެ ތާރީހުގައިވެސް އެންމެ ގިނަ އޯން ގޯލް ފެނިގެންދިޔަ މުބާރާތެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ:

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ:- ފޮޓޯ:- ގެޓީ އިމޭޖަސް

ޔޫރޯ 2020 ގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕެއިންގެ މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭސް ލޮޕޭޒް (ޕެޑްރީ) އެވެ. އުމުރުން އެންމެ 18 އަހަރުގެ ޕެޑްރީ ވަނީ މުބާރާތުގެ ސެމީ ފައިނަލުން ސްޕެއިން ކެޓުމާ ހަމައަށް އެޓީމުން ދެއްކި މޮޅު ކުޅުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.

އުންމީދީ މިޑްފީލްޑަރު މި މުބާރާތުގައި ޖުމްލަ 6 މެޗު ކުޅެފައިވާއިރު 629 މިނެޓު ވަނީ ދަނޑު މަތީގައި ހޭދަކޮށްފައެވެ. އަދި މުޅި މުބާރާތުގައި އޭނާ ވަނީ 76.1 ކިލޯ މީޓަރުގެ ސަރަހައްދެއް ކަވަރު ކޮށްފައެވެ. އަދި ޕާސް ކޮމްޕްލީޝަން އިންސައްތަ އަށް ބަލާލާއިރު ޖުމްލް 92.3 އިންސައްތަ ވަނީ ހަމަކޮށްފައެވެ.

ސެމީ ފައިނަލުގައި ސްޕެއިން އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު އޭނާ ވަނީ އެމެޗުގެ 120 މިނެޓުގައި ކުޅެ 66 ޕާހުގެ ތެރެއިން 65 ޕާސް ފުރިހަމަ ކޮށްފައެވެ.

2016 ވަނަ އަހަރުގެ ޔޫރޯ ޕޯޗުގަލް އިން ކާމިޔާބު ކުރިއިރު އެމުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ޕޯޗުގަލްގެ ރެނާޓޯ ސަންޗޭޒް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ:

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ:- ފޮޓޯ:- ގެޓީ އިމޭޖަސް

މުބާރާތުގެ އެންމެ މުހިންމު މެޗު ކަމަށްވާ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ.

މުޅި މުބާރާތުގައިވެސް އިޓަލީ ކޮޅަށް ވަދެފައިވަނީ ހަތަރު ލަނޑެވެ. އެހެންކަމުން މި މުބާރާތުގެ އެންމެ ވަރުގަދަ ޑިފެންސް ލައިނެއް އޮތް ޓީމަކީ އިޓަލީ ކަމަށްވެސް ބެލެވިދާނެއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ބޮނޫޗީ ހޮވުނުއިރު މެޗުގައި އިޓަލީ އަށް ޕެނަލްޓީ ޝޫޓް އައުޓަށް ދިއުމުގެ ފުރުސަތު ލިބުނީ އޭނާގެ ސަބަބުންނެވެ.

އެގޮތުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އިޓަލީ އަށް ކާމިޔާބު ކޮށްދިން ކުޅުންތެރިއަކީ ބޮނޫޗީ އެވެ. މި ލަނޑުގެ އިތުރުން އިޓަލީގެ ފަހަތް ބެލެހެއްޓުމުގައި ބޮނޫޗީ ވަނީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް މިމެޗުގައިވެސް ކޮށްފައެވެ.

ޔޫރޯގެ ތާރީހުގައިވެސް ދެވަނަ ފަހަރަށް އިޓަލީން މުބާރާތް ކާމިޔާބު ކޮށްފައިވާއިރު މިއީ ބައިނަލްއަގްވާމީ ފުޓުބޯޅައިގައި އެ ގައުމުގެ ވިދުން ދަށްވުމަށްފަހު އަލުން ފުޓުބޯޅައިގެ ރަސްކަން ކުރުމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅަކަށް ވާނެއެވެ. މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން އިޓަލީން ވަނީ ޝަރަފުވެރި ރެކޯޑަކާއި ގާތްކޮށްފައެވެ.

ޔޫރޯ 2020 ގެ ޗެމްޕިއަންކަން އިޓަލީ އަށް- ފޮޓޯ:- ގެޓީ އިމޭޖަސް

އެއީ އެންމެފަހުން އިޓަލީން ކުޅުނު ބައިނަލްއަގްވާމީ 34 މެޗުގައިވެސް ބަލިނުވުމުގެ ރެކޯޑެވެ. އިޓަލީ އެންމެފަހުން ބަލިވެފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އަތުންނެވެ.

އެހެންކަމުން ޖުމްލަ 34 މެޗުން ބަލިނުވެ އިޓަލީން ވަނީ ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ދެވަނަ އަށް އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑް ހަދާފައެވެ. އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑް އޮތީ ބްރެޒިލް އާއި ސްޕެއިންގެ އަތުގައެވެ. އެއީ ޖުމްލަ 35 މެޗެވެ. ބްރެޒިލް މި ރެކޯޑް ހަދާފައިވަނީ 1993-1996 ވަނަ އަހަރާއި ދެމެދެވެ. ސްޕެއިން މި ރެކޯޑް ހެދީ 2007-2009 ވަނަ އަހަރާއި ދެމެދެވެ.

އެހެންކަމުން ޔޫރަޕުގެ ޗެމްޕިއަން އިޓަލީގެ އަޒުމަކަށް ވާނީ ކުރިއަށް އޮތް ދެމެޗުގައިވެސް ބަލިނުވެ މި ޝަރަފު ހޯދުމެވެ.

މިއަހަރު މި ބޭއްވުނު ޔޫރޯ މުބާރާތަކީ 2020 ވަނަ އަހަރުގެ މުބާރާތެވެ. ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވާ ޔޫރަޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް މިދިޔަ އަހަރު ނުބޭއްވުނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބިރުވެރިކަމާއި އެކުއެވެ.

ދެން އެންމެ އަވަހަށް ޔޫރޯ މުބާރާތެއް ބާއްވާނީ 2024 ވަނަ އަހަރުއެވެ. މި މުބާރާތް ހޯސްޓް ކުރާނީ ތިން ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނެވެ. ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވަން ތާވަލުކޮށްފައިވާ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އެއަހަރުގެ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.