ޔޫރޯ 2020 ގެ ފައިނަލުގައި އިންގްލެންޑް ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށްފަހު، ފައިނަލް މެޗުގައި އިޓަލީގެ ލަނޑު ކާމިޔާބު ކޮށްދިން ލިއޮނާޑޯ ބޮނޫޗީ މަލާމާތުގެ ރާގަކަށް އިނގިރޭސި ސަޕޯޓަރުންނަށް ނަސޭހަތެއް ދީފިއެވެ.

ތަށި ހަވާލު ކުރުމުގެ ރަސްމިއްޔާތަށްފަހު ދަނޑުގެ ވަށައިގެން އިޓަލީ ޓީމު ހިނގި ވަގުތު، ޓީމަށް ފުރައްސާރަކުރި އިނގިރޭސި ސަޕޯޓަރުންނަށް ބޮނޫޗީ ދިން ނަސޭހަތަކީ ގިނައިން ޕާސްތާ ކެއުމަށެވެ.

މެޗަށްފަހު އޮތް ޕޯސްޓް މެޗް ކޮންފަރެންސްގައި ވާހަކަދައްކަމުން ބޮނޫޗީ ބުނީ އިޓަލީ އަށް ޓްރޮފީ ހަވާލު ކުރުމުގެ ކުރިން އިނގިރޭސި ސަޕޯޓަރުންގެ ތެރެއިން 65،000 ސަޕޯޓަރުން ދަނޑު ދޫކޮށް ދިއުން އެއީ ތަފާތު އިހުސާސެއް ކަމަށެވެ. އަދި މިހެން ކަންތައްވީ އިނގިރޭސި ސަޕޯޓަރުން އުންމީދު ކުރިގޮތަށް "އިޓްސް ކަމިންގް ހޯމް" ގެ ބަދަލުގައި ރޯމް އަށް ތަށި ދިއުން ކަމުގައި ބޮނޫޗީ ބުންޏެވެ.

ބޮނޫޗީ އިތުރަށް ބުނީ އިނގިރޭސި ސަޕޯޓަރުންނަށް ދިމާވި ގޮތާއި މެދު ކޮންމެވެސް ވަރަކަށް ދެރަވާ ކަމަށާއި އެހެންނަމަވެސް އިޓަލީން އަނެއްކާވެސް އިނގިރޭސިންނަށް ރަނގަޅު ފިލާވަޅެއް ދީފި ކަމަށެވެ.

ޔޫރޯ 2020 ގެ ޗެމްޕިއަންކަން އިޓަލީ އަށް- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ބޮނޫޗީ ވަނީ ދަނޑުގައި ހުރި ކެމެރާއެއް އޭނާގެ މޫނާއި ކައިރި ކުރުމަށްފަހު އިނގިރޭސިން ފުޓުބޯޅައިގައި ބޭނުން ކުރަމުންދާ "އިޓްސް ކަމިންގް ހޯމް" ސްލޯގަންއަށް ޖޯކު ޖަހާ އިޓްސް ކަމިންގް ޓު ރޯމް އޭ ގޮވި ގޮވުން ތަކުރާރު ކޮށްފައެވެ.

މިފަދައިން ބޮނޫޗީ ކަންތައްތައް ކޮށްފައިވަނީ މުބާރާތުގެ ފަހުކޮޅުގައި، ހާއްސަކޮށް ފައިނަލް މެޗުގެ ކުރިންނާއި، މެޗުގެ ތެރެއިން އަދި މެޗަށްފަހުވެސް އިނގިރޭސި ސަޕޯޓަރުންގެ އަމަލުތައް ހުރި ގޮތުންނެވެ. އެގޮތުން މެޗުގެ ކުރިން އިނގިރޭސި ސަޕޯޓަރުން ވަނީ ވެމްބްލީ ސްޓޭޑިއަމަށް ޓިކެޓު ނަގައިގެން ވަންނަން މަސައްކަތްކުރި އިޓަލީގެ ސަޕޯޓަރުންނަށް އަނިޔާކޮށް ފުރައްސާރަވެސް ކޮށްފައެވެ.

މެޗުގެ ކުރިން އިނގިރޭސި ސަޕޯޓަރުން ދަނޑު ބޭރުގައި ހިންގި ހަމަނުޖެހުމުގެ ތެރެއިން

އަދި ހަމައެހެންމެ މެޗު ކުޅެމުންދިޔަ ގަޑީގައި އަދި ބޮނޫޗީ ލަނޑު ޖަހާފައި އުފާފާޅުކުރި ވަގުތުގައިވެސް އިނގިރޭސި ސަޕޯޓަރުން ވަނީ އޭނާ އާއި އިޓަލީ ޓީމަށް ބޭއަދަބީ ބަސްތަކުން ގޮވާ، އަމަލުންވެސް މިފަދަ ކަންކަން ކޮށްފައެވެ. އަދި މެޗަށްފަހު އިޓަލީ ޓީމާއި ސަޕޯޓަރުން އުފާފާޅުކުރި ގަޑީގައިވެސް އިނގިރޭސި ސަޕޯޓަރުންގެ ފުރައްސާރަ ވަނީ ކުރިމަތިވެފައެވެ.

ފައިނަލް މެޗުގެ ކުރިން ސެމީ ފައިނަލުގައިވެސް އިނގިރޭސި ސަޕޯޓަރުންގެ ފުރައްސާރަ ސެމީގައި އިންގްލެންޑާއި ދެކޮޅަށް ކުޅުނު ޑެންމާކުގެ ކުޅުންތެރިންނާއި ސަޕޯޓަރުންނަސްވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ޑެންމާކުގެ ގައުމީ ސަލާމް ކިޔަމުން ދިޔަ ވަގުތު، އިހްތިރާމް ކުޑަވާގޮތަށް އަޑު ލެއްވުމާއި، ކުޅުންތެރިން ބްރޭކް ގަޑީގައި ޑްރެސިންގް ރޫމަށް ދާގަޑީގައި ފުރައްސާރަ ކުރުމުގެ އިތުރުން، މެޗުގެ އިތުރު ވަގުތުގައި އިންގްލެންޑުން ޕެނަލްޓީ ފޮނުވާލި ވަގުތު ޑެންމާކުގެ ކީޕަރުގެ މޫނަށް ލޭޒާ ލައިޓުވެސް ވަނީ އަޅުވާފައެވެ.

ޔޫރޯ 2020 ގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގެ ތެރެއިން

އިނގިރޭސި ސަޕޯޓަރުންގެ މި ބޭއަދަބީ އަމަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް އެގައުމުގެ ސަޕޯޓަރުންނަށް އަމާޒުވެފައިވާއިރު، ޔޫރަޕް ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ޔޫއެފާ އިންވެސް ވަނީ މިކަމުގެ ސަބަބުން އިނގިރޭސި ޓީމު 26000 ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ.

ފުރައްސާރަ އާއި އުނދަގުލުގެ ތެރެއިން އިޓަލީ ފައިނަލުގައި އިންގްލެންޑް ބަލިކުރީ ޕެނަލްޓިގައި 2-3 އިން ކުރިހޯދައިގެންނެވެ. އެހެންނަމަވެސް މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ އިންގްލެންޑުންނެވެ. ފުރަތަމަ ހާފުގެ ކުރީ ކޮޅުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ލޫކް ޝޯ އެވެ. މިއީ އޭނާ އިންގްލެންޑުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މިއީ މުބާރާތުގެ ތާރީހުގައިވެސް ފައިނަލް މެޗުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ. ޝޯ މިލަނޑު ޖަހާފައިވަނީ މެޗުގެ 1 މިނެޓާއި 57 ސިކުންތުގެ ތެރޭގައެވެ.

ބޮނޫޗީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލަނީ - ފޮޓޯ:- ގެޓީ އިމޭޖަސް

އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގައި މެޗުގެ 67 ވަނަ މިނެޓުގައެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މިލަނޑު އިޓަލީ އަށް ކާމިޔާބު ކޮށްދީ، ޕެނަލްޓީ ޝޫޓް އައުޓާއި ހަމައަށް އެޓީމު ގެންގޮސްދިނީ ބޮނޫޗީ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާ އެވެ.