ރައީސް ސާލިހުއަށް އެމްޑީޕީގެ އެންމެ "އިސް ލީޑަރު"ގެ ނަމުން މުޚާތަބު ކުރަން ބޭނުން ނުވިޔަސް މިއީ މިއަދު ހަގީގަތްކަމުގައި އާރުޑީސީގެ އެމްޑީ އަދި އެމްޑިޕީގެ ގައުމީ މަޖިލިހުގެ މެމްބަރު މޫސާ އަލި މަނިކު ވިދާޅުވެއްޖެއެވެ.

މޫސާ އަލި މަނިކު މިހެން ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުމާ ހެދި މިހާރު ވަނީ އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދިިފައި ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މެމްބަރު އަހުމަދު ހަލީމްގެ މި ވާހަކަތަކަށް ރައްދުދެއްވާ މޫސާ އަލި މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަސަދަވެރިންގެ ހިތްތައް ފަޅަފަޅައިގެން ހިނގައްޖެ ކަމަށާއި، ރައީސް ސޯލިހު ފަހަތައް ނުޖެއްސުނު ކަމަށެވެ.

އަދި ރައީސް ސޯލިހުއަކީ އެމްޑީޕީގެ އިސް ލީޑަރުކަމުގައި ބަޔަކު މީހުން ގަބޫލުކުރަން ބޭނުން ނުވިޔަސް އެއީ މިއަދުގެ ހަގީގަތްކަމަށާއި، ރައީސް ސޯލިހު ބަލިކޮށްލުމަށް ރާވާ ކޮންމެ ރޭވުމަކުން އެމަނިކުފާނު ކާމިޔާބު ހޯއްދަވަމުން ގެންދަވަނީ މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު ކަމަށްވެސް މޫސާ އަލި މަނިކު ވިދާޅުވިއެވެ.

ރަސްކަމަކަށް ރާއްޖެ ދެން އަބުރާ ނުގެންދެވޭނެ ކަމަށްވެސް އޭނާ ކުރެއްވި ޓްވީޓުގައިވެއެވެ.

ހުކުރު ދުވަހުގެ ރޭ ކްލަބު ހައުސް ގުރޫޕެއްގައި މެމްބަރު އަހުމަދު ހަލީމް ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ އާންމު ބައެއް މެމްބަރުންގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެފަވާއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމްވެސް ހުންނެވީ ސަރުކާރުގެ ތެރޭގައި "ފިތިފައި" ކަމަށް ހަލީމް ވަނީ ސިފަކުރައްވާފައެވެ.

ޕާޓީ ތެރޭގައިވެސް އަނދިރި ދައުލަތެއް އޮތް ކަމުގެ ތުހުމަތުކުރައްވާ ހަލީމް ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.