ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު އެމަނިކުފާނުގެ މަސަކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ ޚާއްސަ މަންދޫބު، މިސްޓަރ އައްބާސް ފާއިޒް ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ މަސަކަތްތަކުގެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި އައްބާސް ފާއިޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި ކުރައްވާފައި މުހިންމު މަސައްކަތްތަކާ އަދި ކުރިޔަށް މަސައްކަތްތައް ރާވާލައްވާފައިވާ ގޮތުގެ މަޢުލޫމާތުތައް ވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ވީހާވެސް އިންސާފުވެރިކޮށް، ދެފުށް ފެންނަގޮތަށް ކުރިޔަށްދާން އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ އައްބާސް ފާއިޒް ހަމަޖައްސަވާފައި ވަނީ 2021 މެއި 19 ވަނަ ދުވަހުގައެވެ.

މޭ މަހުގެ 6 ވަނަ ދުވަހުގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އަދި، މި މައްސަލައިގައި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އެބޭފުޅާ ތައްޔާރުކުރައްވާނެއެވެ.