މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ މަހު 1.19 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މި އަދަދަކީ މިދިޔަ ދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 326.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.2 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ބުނިގޮތުގައި، ޖޫން 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހު މާލެ ފުރަބަންދުކޮށް، ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ ސަބަބުން އެ މަހު ލިބުނު އާމްދަނީ ދަށްވުމުންނެވެ.

އެގޮތުން، މިދިޔަ އަހަރުގެ ޖޫންގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ ޖޫންމަހު އިންކަމް ޓެކްސް، ޖީއެސްޓީ، ގްރީން ޓެކްސް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، އެއާޕޯޓް ސާވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީގެއިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، ޖޫންމަހުގެ ތެރޭގައި އައިސްފައިވާ ބައެއް ސުންގަޑިތައް ފަސްކުރެވެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ މަހު މީރާއަށް ދެއްކި އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންއެވެ. އެއީ 44.6 އިންސައްތަ ނުވަތަ 529.38 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 31.1 އިންސައްތަ ނުވަތަ 369.53 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 94.80 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 59.90 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 30.34 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 102.64 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ މަހު ދެއްކި އާމްދަނީގެ ތެރޭގައި 54.98 މިލިއަން ޑޮލަރު ހިމެނެއެވެ.