ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީ ހޯއްދަވާނެކަމަށް ކުރީގެ ރައީސް އަދި މަޖީލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖްތައް ސޯޝަލް މީޑިއާއަށް މިހާރުވަނީ ލީކްކޮށްލާފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސާލިހާއި މައްސަލައެއް ޖެހިގެން ނޫޅޭ ކަމަށާއި އަދި ނުވެސް ޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނާއި މިހާރު ފިކުރީގޮތުން ހިޔާލުތަފާތު ކަމަށާއި، ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ސާލިހާއެކު އުޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ދަރިންގެ އިބޫދޮންބެއޭ އެއީ"
ރައީސް ނަޝީދު

އެކަމަކު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކީ ސިޔާސީ ގޮތުން ހުރެވޭކަށް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

އަދި އެމްޑީޕީގެ ބައެއް މީހުން ހިތްހަމަނުޖެހުނަސް ކުރާނެކަމެއް ނެތް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށްވާއިރު އެކަމާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ ދެކޮޅު ހައްދަވަމުންނެވެ.

މިފަހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ގުޅޭގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. ރާއްޖޭގައި ބޮޑުވަޒީރެއް ކަނޑައަޅަން މަޖިލީހުގައި އެދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޕީޕީއެމްވެސް ތާއީދުކުރާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.