ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީގެ އަމުރުފުޅަށް ރޫޅާލި ޕާލަމެންޓް އަލުން އެއްކުރަން ނޭޕާލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ޕާލަމެންޓް އަލުން އެއްކުރަން އަމުރު ކުރުމުގެ އިތުރުން، ކޭޕީ ޝަރްމާ އޯލީގެ އެންމެބޮޑު ވާދަވެރިޔާ ޝޭރް ބަހާދުރު ޑިއުބާ ބޮޑުވަޒީރުގެ މަގާމަށް އައްޔަން ކުރަންވެސް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ކުރިއަށްއޮތް ހަތް ދުވަހުގެ ތެރޭގައި ޕާލަމެންޓްގެ މަސައްކަތް ފެށުމަށް އަންގާފައި ވެއެވެ. އަދި ދެދުވަހުގެ ތެރޭގައި ޑިއުބާ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރަން އަމުރުގައިވެއެވެ.

ނޭޕާލްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ކޭޕީ ޝަރްމާ އޯލީގެ އެދިވަޑައިގަތުމަށް ނޭޕާލްގެ ރައީސް ބިދްޔާ ދޭވީ ބަންޑާރީ ޕާލަމެންޓް ރޫޅާލެއްވީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ.

ޕާލަމެންޓް އަލުން އެއްކުރަން ސުޕްރީމް ކޯޓުން އަމުރުކުރުމަކީ، ބޮޑުވަޒީރު އޯލީއަށް ކުރިމަތިވެވަޑައި ގެންނެވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މުރާސިލުން ބުނެއެވެ.

ޕާލަމެންޓް ރޫޅާލެއްވުމަށްފަހު އޯލީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ނޭޕާލްގައި އައު އިންތިޚާބެއް ބޭއްވުމަށެވެ. ނަމަވެސް އެކަމަށް ތާއީދު ނުލިބުމުގެ ސަބަބުން އެކަން ކުރެއްވޭގޮތެއް ވަނީ ނުވެފައެވެ.

ޕާލަމެންޓް އަލުން އެއްކޮށް އަދި ޝޭރް ބަހާދުރު ޑިއުބާ ބޮޑުވަޒީރަކަށް އައްޔަންކުރަން ނޭޕާލްގެ ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅޭގޮތުން ބޮޑުވަޒީރު އޯލީވެސް އަދި އޭނާގެ އޮފީހުންވެސް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެހެން ނަމަވެސް، އޯލީގެ އެތައްސަތޭކަ ސަޕޯޓަރުން ގެންދަނީ، ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ކޯޓުގެ ނިންމުމަށް ނުރުހުން ފާޅުކުރަމުންނެވެ.

ނޭޕާލްގެ ބޮޑުވަޒީރު ކަމަށް ކޭޕީ ޝަރްމާ އޯލީ އިސްކުރެވުނީ 2018 ވަނަ އަހަރުއެވެ. އެއީ، ނޭޕާލްގެ ޕާލަމެންޓް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު އޭނާ ނިސްބަތްވެވަޑައި ގަންނަވާ ކޮމިއުނިސްޓް ޕާޓީ އޮޕް ނޭޕާލަށް ލިބުމާ ގުޅިގެންނެވެ.

ނަމަވެސް، ކޮމިއުނިސްޓް ޕާޓީ މިއަހަރުވަނީ ދެބައިވެގެން ގޮސްފައެވެ.

މައްސަލަ އުފެދުނީ، ސަރުކާރުން ނިންމުންތައް ނިންމާއިރުގައާއި، މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި ނޭޕާލް ކޮމިއުނިސްޓް ޕާޓީ ވަރަށް ބޮޑަށް އެއްފަރާތް ކުރާކަމަށް ބުނެ އެ ޕާޓީން ބޮޑުވަޒީރު ކުށްވެރިކުރާން ފެށުމުންނެވެ.

ބޮޑުވަޒީރު ކޭޕީ ޝަރްމާގެ ޕާޓީ، އޭނާއާ ދެކޮޅުވުމުން ބޮޑުވަޒީރަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ގެއްލި، ޕާޓީގެ ސެންޓްރަލް ކޮމިޓީގެ އަޣުލަބިއްޔަތުވެސް ގެއްލިފައި ވެއެވެ.

ޕާޓީއާ ވާހަކަ ދައްކަވައިގެން މައްސަލައަށް ސުލްހަވެރި ހައްލެއް ހޯއްދެވުމުގެ ބަދަލުގައި ބޮޑުވަޒީރު ނިންމެވީ، ޕާލަމެންޓް ރޫޅާލައި އަވަސް އިންތިޚާބަކަށް ދިއުމަށެވެ.

ނޭޕާލްގައި އޮތް ރަސްކަމާ ދެކޮޅަށް 1990 ގެ އަހަރުތަކުގައި ފެށުނު ދާޚިލީ ހަނގުރާމައިގެ ނަތީޖާއެއްގެގޮތުން ރަސްކަން އުވާލައި، މަލްޓި-ޕާޓީ ޑިމޮކްރަސީ ނިޒާމު ގެނައިފަހުން އެގައުމަށް ހަމަޖެހުމެއް އައިސްފައެއް ނުވެއެވެ.