ސައުތު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ދެކުނު އޭޝިއާއިން ދަތުރުކުރުމުގައި ޚާއްސަ ފިޔަވަޅުތަކެއްއެޅުމަށް އެންގި އެންގުމަށް ބަދަލުގެނައުމާއި ގުޅިގެން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ސައުތު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް ޗެކްއިން ނުވެވޭނެކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

އެހެންނަމަވެސް މާލޭގައި ފަތުރުވެރިން ފުރުމަށްޓަކައި ޓްރާންސިޓްކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމުން ކަނޑައަޅާ އުސޫލުގެ މަތިން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގެސްޓްހައުސްތަކުގައި ތިބޭ ތިބުން އިސްތިސްނާ ވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ސައުތު އޭޝިއާގެ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކްއިން ކުރުމަށް ހުޅުވާލުމުގައި އަމަލުކުރާނެގޮތްތައް ކަނޑައަޅައި، އެކަން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އަންގާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ސައުތު އޭޝިއާ ސަރަހައްދުގައި ކޮވިޑް ފެތުރުން އިތުރުވަމުންދާތީ ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސައުތު އޭޝިއާއިން އަންނަ ފަތުރުވެރިން ރާއްޖެ ގެނައުން ވަނީ މެދުކަނޑާލާފައެވެ.

އެހެންނަމަވެސް އެ ސަރަހައްދުން ދިވެހިންނަށާއި، ވޯކް ޕާމިޓުގައި އަންނަ މީހުންނަށް ރާއްޖެ އެތެރެވެވެއެވެ. އަދި ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަންޖެހެއެވެ.