ވިޒިޓް މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓާ ރާއްޖެ އަކީ އެންމެ މަގުބޫލް އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް އިންސައިޑްފްލަޔަރ އާއެކީ ގްލޯބަލް ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިންގައި ދިވެހިރާއްޖެއަކީ ގުދުރަތީ ގޮތުން ވަކި ރައްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށް ވުމާއި އަޅާފާއިވާ ހަރުދަނާ ފިޔަވަޅުތަކުގެސަބަބުން ރާއްޖެ އަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި މި ކެމްޕެއިންގައި ފާހަގަކުރާނެކަމަށް ވިޒިޓް މޯލްޑިިވްސްއިން ބުނެއެވެ.

އިންސައިޑްފްލަޔަރ އަކީ ދުނިޔޭގެ އެކި މާކެޓުތަކަށް އަމާޒުކޮށް ނެރޭ މަގުބޫލް އޮންލައިން ޓްރެވެލް މެގަޒިންއެކެވެ.

"ރިޓާން ޓު މޯލްޑިވްސް"ގެ ނަމުގައި 7 ހަފްތާއަކަށް ކުރިއަށްދާ މިކެމްޕެއިން އިން ފްރީކުއެންޓް އަދި ޕްރީމިއަމް ޓްރެވެލަރސްއަށް އަމާޒުކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި މި ކެމްޕެއިންގައި އަމާޒުކުރާ މާކެޓުތަކުގެ ތެރޭގައި ޖަރުމަނުވިލާތު, ސްވިޒަލޭންޑް, އޮސްޓްރިއާ, އިންގިރޭސިވިލާތު، ބެނެލަކްސް ރީޖަން, ސްކެންޑިނޭވިޔާ ރީޖަން އަދި ނޯތް އެމެރިކާގެ މާކެޓްތައް ހިމެނެއެވެ.

މި ކެމްޕެއިން ކުރިއަށްދާ ހަފްތާގައި ކޮންމެ ދުވަހަކު 7 ޕްރޮޕަޓީތަކުގެ ތެރެއިން އެއް ޕްރޮޕަޓީ އިޝްތިހާރުކުރެވޭނެއެވެ. އޭގެތެރޭގައި ފުށިފަރު މޯލްޑިވްސް، ޕުލްމަން މޯލްޑިވްސް މާމުތާ، ސަން ސިޔާމް އިރު ވެލި، ޖޯލި މޯލްޑިވްސް މުރަވަންދޫ، ހާޑް ރޮކް ހޮޓެލްސް މޯލްޑިވްސް, ރެޑިސަން ބްލޫ އަދި ކޮންރެޑް މޯލްޑިވްސް ހިމެނެއެވެ.

އިންސައިޑްފްލަޔަރގެ ކޮންމެ މާކެޓުތަކަށް ހާއްސަކޮށްފައިވާ ވެބްސައިޓް، ސޯޝަލް މީޑިއާ، އަދި ނިއުސްލެޓަރ ގައި މި ޕްރޮޕަޓީތައް އިޝްތިހާރުކުރެވޭނެކަމަށް ވިޒިޓް މޮލްޑިވްސްއިން ބުނެއެވެ.

މި ކެމްޕެއިންގައި ތައާރަފްކުރާ ކޮންޓެންޓް 1.3 މިލިއަން ފަތުރުވެރިންނަށް ފޯރާނެކަމަށް ލަފާކުރެވޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕެއިންގައި އަމާޒުކުރާ މާކެޓްތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ. ޖުލައި މަހުގެ ނިޔަލަށް ޖަރުމަނު ވިލާތު, އެމެރިކާ އަދި އިނގިރޭސިވިލާތަކީ ދިވެހިރާއްޖޭގެ އެންމެ މަތީ 10 ސޯސް މާކެޓްގައި ހިމެނޭ މާކެޓްތަކެވެ.