ބޭނުންވަނީ އިންޑިއާ އައުޓް ނުގޮވާ، މިއުޒިކް ހަރާމް ނުކުރާ އިއްތިހާދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތްކުރުން ކަމަށާއި، އެމަނިކުފާނު ދެކިލައްވާ ގޮތުގައި އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވާކަމަށެވެ. އަދި މި އިއްތިހާދަކީ، އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ހަރާމް ނުކުރާ، ކީރިތި ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށްވެސް ރައީސް ނަޝީދުގެ މި ޓްވީޓްގައި ވިދާޅުވިއެވެ.

ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ވެސް އެމަނިކުފާނުގެ ޝަރުތުތަކަށް ތާއިދު ކުރައްވާނެ ކަމަށް ދެކިލައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިގޮތުން، އެމްޑީޕީގެ ބައެއް މީހުން ހިތްހަމަނުޖެހުނަސް ކުރާނެކަމެއް ނެތް ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދުކުރާނަމަ އެ ފަރާތްތަކުގެ އެހީއަށް އެދޭނެ ކަމަށް ރައީސް ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.

ރާއްޖެ އަފްޣާނިސްތާނުގެ ހާލަތަށް ދާން ބޭނުން ނުވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަދި، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ކުރީގެ ރައީސް ޔާމީންއާއި ޕީޕީއެމްގެ ތާއިދު ލިބޭނެކަމަށް ވެސް ވޭތުވެދިޔަ ހަފްތާގައި ނަޝީދު ވިދާޅުވިއެވެ. އެމަނިކުފަނު މިފަދައިން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި މިހާރު ފިކުރީގޮތުން ހިޔާލުތަފާތު ކަމަށާއި، ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ޞާލިހާއެކު އުޅުއްވާނެ ކަން ރައީސް ނަޝީދު ވަނީ އިއްޔެ އިއުލާން ކުރައްވާފައެވެ.

މިފަހުން ބޭއްވި "އާސްކް ސްޕީކާ" ޕްރޮގްރާމުގައި ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމާ ގުޅޭގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. ރާއްޖޭގައި ބޮޑުވަޒީރެއް ކަނޑައަޅަން މަޖިލީހުގައި އެދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޕީޕީއެމްވެސް ތާއީދުކުރާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.