ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، އޮޑިޓަރ ޖެނެރަލްކަމުގެ ‌‏މަޤާމަށް ގަލޮޅު އައިފަ، ޙުސައިން ނިޔާޒީ ޢައްޔަން ކުރައްވައި، ‌‏އެމަނިކުފާނަށް މަޤާމުގެ ‌‏ފަތްކޮޅު މިއަދު ދެއްވައިފިއެވެ. ‏

‌‌‌‏ޙުސައިން ނިޔާޒީއަށް އޮޑިޓަރ ޖެނެރަލްކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ‌‏ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ‌‌‏ޙުސައިން ނިޔާޒީ ‏ކުރައްވައި، ‌‌‏ހުވައިގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ. ‏

ޙުސައިން ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން ޙުސައިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ.

ޙުސައިން ނިޔާޒީ އަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ނިޔާޒީ ފުރުއްވި މަޤާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމާއި، އޮޑިޓް މެނޭޖަރކަމުގެ މަޤާމާއި، އެސިސްޓަންޓް އޮޑިޓަރކަމުގެ މަޤާމުވެސް ހިމެނެއެވެ. މީގެއިތުރުން ނިޔާޒީ އަކީ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ. އަދި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ އެޑްމިޝަން އެންޑް ލައިސަންސިންގ ކޮމިޓީގެ ޗެއަރޕަރސަންވެސް މެއެވެ.

މީގެއިތުރުންވެސް ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަޤާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.