ކޮވިޑްބަލީގެ ހާލަތު ގޯސްވަމުންދާތީ މުޅި ގައުމު ލޮކްޑައުންކޮށްފައި ވީނަމަވެސް، އަޟްހާ އީދު ބަންދަށް ލޮކްޑައުންގެ ހާލަތު އުވާލަން ބަނގްލަދޭޝް ސަރުކާރުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ބަނގްލަދޭޝްގެ ކެބިނެޓު ބައްދަލުވުމުގައެވެ.

އެގޮތުން ނިންމާފައިވަނީ، އަލަށް ޕޮޒިޓިވްވާ މީހުންގެ ރެކޯޑު އަދަދަކަށް މައްޗަށް ދިޔަ ނަމަވެސް، ބުރާސްފަތު ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތައް ދިނުމަށެވެ.

މިއަހަރު އަޟްހާ އީދުގެ ބަންދު ދިމާވަނީ ޖުލައިމަހުގެ 20 އިން 22 އަށެވެ. އަޟްހާ އީދަކީ ބަނގްލަދޭޝްގައި ފާހަގަކުރާ ދެވަނައަށް އެންމެ ކުލަގަދަ އިހްތިފާލެވެ.

ބުރަސްފަތި ދުވަހުން ފެށިގެން ލޮކްޑައުން އުވާލައި ލުއިތައްދޭން ކެބިނެޓުން ނިންމުމުގެ ސަބަބުން، އީދުގެ ކުރިން އިގްތިސާދީ ހަރަކާތްތައް އާންމު ހާލަތަށް ގެނައުމުގެ ހުއްދަ ދެވިގެންދާނެއެވެ.

ބަނގްލަދޭޝްގެ އާބާދީގައި 169 މިލިއަން މީހުން ހިމެނޭއިރު، އާބާދީގެ އަޣުލަބިއްޔަތަކީ މުސްލިމުންނެވެ.

އެހެންކަމުން، ޚާއްސަކޮށް އަޟްހާ އީދު ބަންދާ ދިމާކޮށް ކޮންމެ އަހަރަކު އެތައްހާސް ބަޔަކު ރަށްފުށުގައި ދިރިއުޅޭ އެމީހުންގެ އާއިލާތަކުގެ ގާތަށް ދަތުރުކުރެއެވެ.

ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކޮވިޑްބަލި ޖެހޭ މީހުންގެ އަދަދުތައް ކުއްލިއަކަށް މައްޗަށް ދިއުމާއި، ބަލީގައި ގިނަބަޔަކު މަރުވާން ފެށުމުން ބަނގްލަދޭޝް ސަރުކާރުން މުޅި ގައުމު އަލުން ލޮކްޑައުން ކޮށްފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.

ލޮކްޑައުންގެ ހާލަތުގައި އާންމުންނަށް ގެއިން ބޭރަށް ނުކުމެވެނީ އިމަޖެންސީ ހާލަތްތަކުގައާއި، އަސާސީ ތަކެތި ގަތުމަށް އެކަންޏެވެ.

މުޅި ބަނގްލަދޭޝްގައި މިހާރުއޮތީ ޕަބްލިކް ޓްރާންސްޕޯޓް ހުއްޓާލައި، ވިޔަފާރިތަކާއި އޮފީސްތަކާއި، ސްކޫލްތައްވެސް ބަންދުކޮށްފައެވެ.

ލޮކްޑައުން ކުރި ނަމަވެސް، އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ގޮސްފައިވަނީ މައްޗަށެވެ. އިއްޔެ އެކަނިވެސް 14،000 އާ ގާތްކުރާ އަދަދަށް މީހުން ޕޮޒިޓިވް ވެފައިވާއިރު މިއީ ރެކޯޑުއަދަދެކެވެ.