ރާއްޖޭގެ ސިޔާސީ މަސްރަހް އިންތިހާއަށް ހަލަބޮލި ވެފައިވާ މި ދަނޑިވަޅުގައި، އެންމެން ހައިރާންކޮށްލި އެންމެބޮޑު އެއްކަމަކީ، ކާނަލް ނާޒިމްއާއި އަބްދުﷲ ރިޔާޒް އިސްވެ ތިއްބަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވާކަން ރަސްމީކޮށް އިއުލާނުކުރުމެވެ.

ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވީ، ސިޔާސީ ޕާޓީއެއް އުފައްދައިގެން ކުރިއަށް އޮތް ދުވަސްތަކުގައި ގައުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށް އަބްދުﷲ ރިޔާޒްވަނީ ޓްވީޓް ކުރައްވާފައެވެ.

މި ދެބޭފުޅުން ސިޔާސީ ޕާޓީ އުފެއްދެވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުގައި އެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، މަޖިލީހުގައި ތިއްބެވި ގިނަ މިނިވަން މެންބަރުން އެބޭފުޅުން އުފައްދަވާ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވާހަކަތައް ދެކެވިފައިވެއެވެ.

މިކަމާއި ގުޅިގެން ވީނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް، އަހުމަދު ސައުދު ވިދާޅުވީ، ޕާޓީއެއް އުފެއްދުމަކީ އޭގެ ޒާތުގައި މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެބޭފުޅަކު އެބޭފުޅެއްގެ ސިޔާސީ ކަންކަން ކުރިއަށް ގެންދިޔުމަށް ނިންމެވި ނިންމެވުމަށް އިހްތިރާމް ކުރައްވާ ކަމަށެވެ.

ނަމަވެސް، ކޮންމެ ކަމެއްވެސް ކުރައްވަންވާނީ އެކަމެއް ކުރަން އޮންނަ އުސޫލުގެމަތިން ކަމަށާއި، ކާނަލަ ނާޒިމް އާއި އަބްދުﷲ ރިޔާޒްއާ ދެބޭފުޅުން މިކަން ކުރެއްވި ގޮތާއިމެދު ކަންބޮޑުވެލައްވާ ކަމަށާއި، ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާކަން ސައުދު ވިދާޅުވިއެވެ.

އެގޮތުން، ޕާޓީ ތެރޭގައި ތިއްބަވައިގެން ސިއްރިއްޔާތުގައި އެކަން ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށާއި، ޕާޓީގެ ތެރެއިން ކުރިއާލައި ވަކިވެވަޑައިގެން، އެއަށްވުރެ ރީތިގޮތުގައި އެމަސައްކަތް ކުރެވުނީސް ކަމަށް ސައުދު ވިދާޅުވިއެވެ.

އެދެބޭފުޅުންނަށް ޕާޓީތެރެއިން ކުރިއަށް ދިއުމުގެ ފުރުސަތު، ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ފަހިކޮށްދެއްވައި، ކާނަލް ރިޓަޔާޑް ނާޒިމްއަށް ޕާޓީގެ އެޑްވައިޒަރުގެ މަގާމްވެސް ވަނީ ދެއްވާފައެވެ. ޖުމްހޫރީ ޕާޓީން އަބަދުވެސް ވަނީ އެބޭފުޅުންގެ ހުށަހެޅުންތަކަށް އިހްތިރާމްކޮށް، އެކަންކަން ބަލައިގެންފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ ސައުދު ވިދާޅުވީ، ޕާޓީގެ ފަރާތުން ކޮށްދެއްވި ކަންކަން ބަލައިގަނެ، 5 އަހަރުގެ ދައުރެއް ނިމެންދެން ޕާޓީގައި މަޑުކޮށްނުލެވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ. އަދި، 2023 އަށް ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެންނެވުމުގެ ވިސްނުން، އޮނަރަބަލް ގާސިމް ގެންގުޅުއްވި ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ފުރުސަތު ނެތިގެން ނުވަތަ ގައުމަށް ހިދުމަތް ކޮށްދެއްވުމުގެ ނިޔަތުގައި ޕާޓީއާއި ވަކިވެގެން، ކޮށްދެވޭނެ ހިދުމަތެއް ނޯންނާނެ ކަމަށާއި، ގައުމަށް ހިދުމަތް ކުރެވޭނީ ބައިބައިނުވެ، އެއްބައިވަންތަ ކަމާއިއެކު މަސައްކަތް ކުރައްވައިގެން ކަމަށެވެ.

ބައެއް ބޭފުޅުން، ކުޑަ ޕާޓީއެއް ގޮތުގައި ޖުމްހޫރީ ޕާޓީ ސިފަކުރެއްވި ކަމުގައި ވީނަމަވެސް، ސައުދު ވިދާޅުވީ، ޖުމްހޫރީ ޕާޓީ ފާހަގަ ކުރެވިފައިއޮތީ އެންމެންނަށްވެސް އެޕާޓީއެއްގެ ބޭނުންޖެހޭ ޕާޓީއެއް ގޮތުގައި ކަމަށެވެ.

ކަން މިހެން އޮތްނަމަވެސް، އަމިއްލަ ހިޑްން އެޖެންޑާއެއް ހާސިލްކުރުމުގެ މަގްސަދުގައި ޕާޓީއާއި ގުޅުމަކީ ހިތާމަކުރައްވާ ކަމެއްކަން ޕާޓީގެ ނައިބު ރައީސް ސައުދު ފާހަގަކުރެއްވިއެވެ.

އަދި، އެމްޑީޕީއިން މިއަދު މިފެންނަ ކަންތައްތަކަކީ، ބައެއްގެ ތެރޭ ޕޮލިޓިކަލް އިންޓަރެސްޓް ބޮޑުވުމުން ކަންތައްތައް ވެގެންދާނެ ގޮތުގެ މިސާލެއް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

ގައުމު އާރާސްތު ކުރުމަށްޓަކައި، ގާސިމް ކުރައްވާ ހުރިހާ ކަމެއްވެސް ކުރައްވާނީ، އެންމެ ބޭފުޅުންނާއި މަޝްވަރާ ކުރައްވައިގެން ކަމަށާއި، ޖުމްހޫރީ ޕާޓީން ކުރިއަށްދާނީ ސަރުކާރަށް ލިބެންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެކު ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒް އާއި ކާނަލް ނާޒިމްއާ ދެބޭފުޅުން މިގޮތަށް ކަންތައް ކުރައްވަން ޖެހިވަޑައިގެންނެވީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރުމުން، ނައިބު ރައީސް ސައުދު ވިދާޅުވީ، ސިޔާސީގޮތުން ކުރިހޯދުމަށްޓަކައި، އެބޭފުޅުންގެ ހިޑްން އެޖެންޑާއެއް އޮވެދާނެކަމަށް ގަބޫލު ކުރައްވާ ކަަމަށާއި، އެސިފަ މިއަދު ކުރެވެން އެބައޮތް ކަމަށެވެ.

އެދެބޭފުޅުން ޕާޓީން ވަކިވެގެންދިޔަ ކަމުގައިވިޔަސް، ޕާޓީގެ އާންމު މެމްބަރުންގެ އަދަދު މަދުވެގެން ނުދާނެ ކަމަށާއި، ބަޔަކު ގެއްލިގެންދިޔަ ކަމުގައި ވީނަމަވެސް، އެގެއްލުން އިއާދަ ކުރެވޭނެ ވަރުގެ ލީޑަރޝިޕެއް ޖުމްހޫރީ ޕާޓީގެ އެބައޮތްކަމަށް ގަބޫލްކުރައްވާ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި މިކަމަކީ ޕާޓީގެ ތެރެއަށް ހީނަރުކަން އަންނާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ބަޔަކު ޕާޓީން ވަކިވެގެން ދިޔުން އެންމެ ބޮޑަށް ތަޖުރިބާ ކުރެއްވި އެއްބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރކަން ފާހަގަ ކުރައްވާ ސައުދު ވިދާޅުވީ، މީގެކުރިން މަޖިލީހުގެ 17 ގޮނޑީގެތެރެއިން، 12 ގޮނޑި ގެއްލިގެން ދިޔައިރުވެސް އެކަމާ ކަންބޮޑުނުވާ ކަމަށާއި، އެއްމަންޒަރުތައް އަލުން ތަކުރާރު ވީނަމަވެސް، އޮނަރަބަލް ގާސިމްއަކީ އެއްޗެއް މަދުވެދާނެތީ އުޅުއްވާ ބޭފުޅެއް ނޫންކަމަށެވެ.

ޖުމްހޫރީ ޕާޓީން ބަޔަކު މަދުވުމަކުން ޕާޓީގެ މަސައްކަތްތއް ނުހުއްޓޭނެ ކަމުގެ ޔަގީންކަން ސައުދު ވަނީ ޕާޓީގެ މެމްބަރުންނަށާއި، ޕާޓީއަށް ތާއީދު ކުރާ އެންމެހާ ރައްޔިތުންނަށް އަރުވާފައެވެ.