ނޭޕާލްގެ އައު ބޮޑުވަޒީރުގެ މަގާމަށް ޝޭރް ބަހާދުރު ޑިއުބާ އައްޔަން ކޮށްފިއެވެ.

ނޭޕާލްގެ ބޮޑުވަޒީރުގެ މަގާމަށް ޝޭރް ބަހާދުރު ޑިއުބާ އައްޔަން މިކުރެވުނީ، ކުރިން ހުންނެވި ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ރޫޅާލެއްވި ޕާލަމެންޓް އަލުން އެއްކުރުމަށާއި، އައު ބޮޑުވަޒީރަކަށް ޑިއުބާ އައްޔަންކުރަން ނޭޕާލްގެ ސުޕްރީމް ކޯޓުން އިއްޔެ އަމުރު ކޮށްފައި ވަނިކޮށެވެ.

ނޭޕާލްގެ ރައީސް ބިދްޔާ ދޭވީ ބަންޑާރީގެ އޮފީހުން ބުނެފައިވަނީ، އައު ބޮޑުވަޒީރަކަށް ނޭޕާލީ ކޮންގްރެސް ޕާޓީގެ ލީޑަރު ޝޭރް ބަހާދުރު ޑިއުބާ މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.

މިއީ، ނޭޕާލްގެ ބޮޑުވަޒީރުކަމަށް ޑިއުބާ އައްޔަން ކުރެވުނު 5 ވަނަ ފަހަރެވެ.

ބޮޑުވަޒީރުކަމުގެ މަގާމަށް ޝޭރް ބަހާދުރު ޑިއުބާ އައްޔަންކުރަން ސުޕްރީމް ކޯޓުން ދިނީ 2 ދުވަހުގެ މުހުލަތެވެ. އަދި ރޫޅާލި ޕާލަމެންޓް އަލުން އެއްކޮށް ޖަލްސާތައް ފަށަން ދިނީ 7 ދުވަހުގެ މުހުލަތެވެ.

ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނު ޑިއުބާއަށް ޖެހިވަޑައިގަންނަވާނީ މަގާމުގައި ދެމިހުންނެވުމަށް ޕާލަމެންޓުގެ ދެބައިކުޅަ އެއްބައިގެ ތާއީދު ހޯއްދަވާށެވެ. ޖަލްސާތައް ފެށުމާއެކު އައު ބޮޑުވަޒީރަށް ތާއީދުއޮތްތޯ ބެލުމަށް ވޯޓަކަށް ދާނެއެވެ.

އުމުރުފުޅުން 75 އަހަރުގެ ޝޭރް ބަހާދުރު ޑިއުބާ 1995، 2001، 200 އަދި 2017 ގައިވެސް ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނެވެ. ނަމަވެސް، ސިޔާސީ ބައިބައިވުންތަކާހެދި އޭނާއަށް ވެރިކަމުގެ އެއްވެސް ދައުރެއް ފުރިހަމައެއް ނުކުރެއްވުނެވެ.

މިފަހަރުވެސް ޑިއުބާ ބޮޑުވަޒީރުކަމުގައި ހުންނަވާތީ އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބާ ހަމައަށެވެ.

ނޭޕާލްގެ ބޮޑުވަޒީރުކަމުގައި ކުރިން ހުންނެވި ކޭޕީ ޝަރްމާ އޯލީ މިއަހަރުގެ މެއިމަހު ޕާލަމެންޓް ރޫޅާލައްވައި މަސައްކަތް ކުރައްވަމުން ގެންދެވީ އަވަސް އިންތިޚާބެއް ބޭއްވުމަށެވެ. ނަމަވެސް، އެކަމަށް ތާއީދު ލިބިވަޑައިނުގަތެވެ.