އެމް.އެމް.އޭގެ އިއުލާނާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކް އޮފް މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖުލައިމަހުގެ 21 ވަނަ ދުވަހާއި، 27 ވަނަ ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.

މިދުވަސްތަކުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށް ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

މީގެ އިތުރުން، އޮންލައިކޮށް ބޭންކުގެ ހިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއަށް އެދެވޭނެ ކަމަށާއި، ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި، ހެނދުނު 8:00 އިން މެންދުރު 12:00 އަށް އެޕް މެދުވެރިކޮށް ޓޯކަން ލިބޭނެ ކަމަށް ބީ.އެމް.އެލްއިން ބުނެއެވެ.

އަދި، އެކައުންޓް އޯޕަނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރ މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށާއި، ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެދި ހުށަހެޅޭނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

މި ދެދުވަހު ބޭންކުން ދިނުމަށް ހަމަޖެހިފައިވާ އެހެނިހެން ހިދުމަތްތަކުގެ ތެރޭގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަންދު ދުވަސްތަކުގައިވެސް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީ.އެމް.އެލްއިން ވަނީ ބުނެފައެވެ.

އަދި، މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމް ކުރެވިފައިވާ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބަންދު ދުވަސްތަކުގައިވެސް ކަސްޓަމަރުންނަށް ބޭންކިންގ ހިދުމަތް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.