ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ޖުމްހޫރީ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ވަޒީރު، އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވި ފޯމް އިލެކްޝަންސް ކޮމިޝަނުން ބާތިލް ކޮށްފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާތީ، ސިޔާސީ ޕާޓީއެއް އުފެްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވި ފޯމަކީ ބާތިލް ފޯމެއް ކަމުގައި މިއަދު އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މިކަމަށް ރައްދު ދެއްވާ އަބްދުﷲ ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝަރުތު ހަމަވާކަން ޔަގީން ކަމަށާއި، އިތުރަށް އެއްޗެއް ވިދާޅުވެވޭނީ އިލެކްޝަންސް އަށާއި، އެމް.އާރް.އެމްއަށް ކަމަށެވެ.

އިލެކްޝަންސްއިން އިތުރަށް ބުނީ ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ މީހަކީ އެހެން ޕާޓީއެއްގެ މެމްބަރެއް ކަމުގައި ވެގެން ނުވާނެ ކަމަށާއި، ނަމަވެސް އަބްދުﷲ ކަމާލުއްދީން އަދިވެސް ހުންނެވީ އެމް.އާރް.އެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.

މިކަމާއި ގުޅިގެން އެމް.އާރް.އެމް އިން ބުނެފައިވަނީ އަބްދުﷲ ކަމާލުއްދީން އެޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުވާފައިވަނީ ޖޫން މަހުގެ 29 ދުވަހު ކަމަށާއި، އެ ޕާޓީގެ ދަފްތަރުން އަބްދުﷲ ކަމާލުއްދީންގެ ނަން އުނިވެފައިނެތީ އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ނުވެ އޮތުމުން ކަމަށެވެ.

އަދި އަބްދުﷲ ކަމާލުއްދީންގެ ނަން އުނިކޮށްދިނުމަށް އެދި އިލެކްޝަންސްއަށް މިހާރު ހުށަހަޅާފައިވާ ކަމަށްވެސް އެ ޕާޓީން މިރޭ ބުނެފައި ވެއެވެ.