މުސާރައިން ބޮޑު ޑިސްކައުންޓެއް ދިނުމަށްފަހު އެންމެފަހުން ބާސާ އާއިއެކު އައު އެއްބަސްވުމެއް ހަދަން ލިއޮނެލް މެސީ ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި މެސީ ބާސާ އާއިއެކު ހަދާ އެއްބަސްވުމުގައި ކުރީގެ މުސާރައިން 50 އިންސައްތަ އުނިކުރާނެއެވެ. އެހެންކަމުން މެސީ އޭނާގެ މުސާރައިން ބާސާއަށް 50 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށްފަހު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއެ ކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެފަހުން ބާސާ އާއިއެކު މެސީ ހަދާފައިވާ 5 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން ފަސް އަހަރުގެ ތެރޭގައި ބާސާ އިންވަނީ މެސީ އަށް 550 މިލިއަން ޔޫރޯ މުސާރައިގެ ގޮތުގައި ދީފައެވެ. އެއީ ސީޒަނަކަށް ބަލާނަމަ 75 މިލިއަން ޔޫރޯއެވެ. ރިޕޯޓްތައް ބުނާގޮތުން އައު އެއްބަސްވުން ވެސް ހަދާނީ ފަސް އަހަރު ދުވަހަށެވެ. އެހެންކަމުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މެސީ އަށް މުސާރައިގެ ގޮތުގައި ލިބޭނީ 275 މިލިއަން ޔޫރޯ އެވެ. އެއީ ފަސް ސީޒަނަށް ބަލާނަމަ ސީޒަނަކަށް 55 މިލިއަނެވެ.

2004 ވަނަ އަަހަރު ބާސާ އިން ސީނިއަރު ކެރިއަރު ފެށި މެސީ އޭނާގެ މުޅި ކެރިއަރު ހޭދަކުރީ އެކުލަބުގައެވެ. ބާސާ އިން މެސީ އާއެކު އެންމެ ފަހުން ހެދި ފަސް އަހަރުގެ ކޮންޓްރެކްޓްގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާއިރު، މުސާރައާއި އެހެނިހެން އިނާޔަތްތަކާއިމެދު ކްލަބާއެކު އެއްބަސްވުމަކަށް އާދެވިފައިނުވުމުގެ ސަބަބުން މެސީ ކުރިން ވަނީ އެއްބަސްވުން އައު ކުރުމަށް ދެކޮޅު ހަދާފައެވެ.

ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ 34 އަހަރު މެސީ މިވަގުތު ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި ނަމަވެސް، ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން އަންނަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ އިތުރުން ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) ހިމެނެއެވެ.

އެހެންނަމަވެސް ސިޓީ އަދި ޕީއެސްޖީ އާއިއެކު ރަސްމީ މަޝްވަރާއަކަށް ދިޔަކަމަށް ރިޕޯޓްކޮށްފަ އެއް ނުވެއެވެ.

ބާސާއެކު މެސީ ހޭދަކުރި ދިގު މުއްދަތުގައި އެކްލަބާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ބާސާ އާއިއެކު ސްޕެނިޝް ލީގު 10 ފަހަރު، ސްޕެނިޝް ކަޕް 7 ފަހަރު، ސްޕެނިޝް ސުޕަރ ކަޕް 8 ފަހަރު، ޔުއޭފާ ޗެމްޕިއަންސް ލީގު 4 ފަހަރު، ޔުއޭފާ ސުޕަރ ކަޕް 3 ފަހަރު އަދި ކްލަބް ވޯލްޑް ކަޕް 3 ފަހަރު ކާމިޔާބު ކޮށްފައިވެއެވެ.