ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިޔާކަން ހޯދާފައިވާ ޔޫރަޕުގެ އެންމެ މޮޅު ކީޕަރު، ޖިއާންލުއިޖީ އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.

ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި ޑޮންނަރުއްމާ ޕީއެސްޖީ އަށް ބަދަލުވެފައިވާ ކަމަށް ގިނަ މީޑިއާތަކުން މީގެކުރިންވެސް އިއުލާނު ކޮށްފައިވާއިރު، ޕީއެސްޖީން ވެސް ވަނީ މީގެކުރިން ޑޮންނަރުއްމާ އާއިއެކު މަޝްވަރާތައް ކުރެވި އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ބުނެފައެވެ.

އެހެންނަމަވެސް އެއްބަސްވުމެއްގައި ސޮއިކުރެވި ރަސްމީކޮށް ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އިއުލާނުކުރީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. މި އެއްބަސްވުމުގެ ދަށުން ޑޮންނަރުއްމާ ޕީއެސްޖީގައި 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކުލަބުގައި މަޑުކުރާނެ އެވެ.

ޑޮންނަރުއްމާ ޕީއެސްޖީ އާއިއެކު ސޮއިކުރީ 5 އަހަރުގެ އެއްބަސްވުމެއްގައި- ފޮޓޯ:- ޕީއެސްޖީ

22 އަހަރުގެ ޒުވާން އެހެންނަމަވެސް މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކީޕަރު ކަމުގައިވާ އިޓަލީގެ ޑޮންނަރުއްމާ ޕީއެސްޖީ އަށް ސޮއިކުރުމަށްފަހު އެކުލަބުގެ ވެބްސައިޓަށް ދިން އިންޓަވިއު އެއްގައި ބުނީ ޕީއެސްޖީ ފަދަ ޔޫރަޕް ފުޓުބޯޅައިގެ ގަދަ ބާރެއްގެ މެމްބަރަކަށް ވުމުން އެކަމާއި ވަރަށް އުފާވާ ކަމަށެވެ.

އަދި މިއީ އައު ޗެލެންޖެއް ކަމަށާއި، މި ޗެލެންޖަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ބުންޏެވެ. ޑޮންނަރުއްމާ އިތުރަށް ބުނީ ޕީއެސްޖީގައި ހުރެ، އެތައް ކާމިޔާބީތަކެއް ހޯދާ ކުލަބުގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭން ބޭނުންވާ ކަމަށެވެ.

އުމުރުން 16 އަހަރުގައި އިޓަލީގެ އޭސީ މިލާނުން ސީނިއާ ކެރިއަރު ފެށި ޑޮންނަރުންމާ ވަނީ އެކުލަބާއެކު 8 އަހަރު ހޭދަކޮށްފައެވެ. 2015 ވަނަ އަހަރު މިލާން އަށް ކުޅެދިން ފުރަތަމަ މެޗާއެކު ޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި އެ ސީޒަން އެއްކޮށް ހޭދަކުރި ޑޮންނަރުއްމާ ފާއިތުވީ ސީޒަނުގައި މިލާން ދޫކޮށްލުމާއި ހަމައަށް ހުރީ އެކުލަބުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައެވެ. އަދި ފާއިތުވީ 6 އަހަރުގެ ތެރޭގައި މިލާނަށް އޭނާ ވަނީ 251 މެޗު ކުޅެ ދީފައެވެ.

ޑޮންނަރުއްމާ އިޓަލީގެ ސީނިއަރ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ އުމުރުން އެންމެ 17 އަހަރުގައެވެ. މިހާތަނަށް އިޓަލީގެ ގައުމީ ޓީމަށް 33 މެޗު އޭނާ ކުޅެދީފައިވާއިރު ޔޫރޯ 2020 އެ ގައުމަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިއަކީވެސް އޭނާއެވެ. އެގޮތުން މުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިން އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ފައިނަލުގައި އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ޕެނަލްޓީ ޝޫޓް އައުޓަށް ދާން ޖެހުނުއިރު އޭނާ ވަނީ ޕެނަލްޓީގައި ސާބިތުކަން ދައްކާ އިޓަލީ މޮޅު ކޮށްދީފައެވެ. ޔޫރޯ 2020 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީވެސް އޭނާއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ- ފޮޓޯ:- ގެޓީ އިމޭޖަސް

އެގޮތުން ސެމީ ފައިނަލް މެޗުގައި ސްޕެއިން ޓީމަށް ކާމިޔާބު ނުކުރެވުނު ދެ ޕެނަލްޓީގެ ތެރެއިން މޮރާޓާ ފޮނުވާލި ޕެނަލްޓީ ޑޮންނަރުއްމާ ވަނީ މަތަކޮށްފައެވެ. އަދި ފައިނަލް މެޗުގައި އިންގްލެންޑަށް ކާމިޔާބު ނުކުރެވުނު ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ހުއްޓުވީ ޑޮންނަރުއްމާ އެވެ. އެއީ ޖޭޑަން ސަންޗޯ އާއި ބުކާޔޯ ސަކާ ފޮނުވާލި ޕެނަލްޓީ ތަކެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ޕީއެސްޖީން ޑޮންނަރުއްމާގެ ސޮއި ހޯދާފައިވާއިރު އެޓީމުން މިހާރު ހުޅުވިފައިވާ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައި އިތުރު ހަތަރު ކުޅުންތެރިއެއްގެ ސޮއިވެސް ވަނީ ހޯދާފައެވެ.

އެގޮތުން ނިމިދިޔަ ޔޫރޯގައި ނެދަލެންޑްސް ޓީމުގައި މޮޅު ކުޅުމެއް ދެއްކި، ޖޯޖީނިއޯ ވައިނާލްޑަމް އާއި ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ކަމަށްވާ ރެއާލް މެޑްރިޑާއި ސްޕެއިންގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޮސްގެ އިތުރުން އުންމީދީ ޑިފެންޑަރު އަޝްރަފް ހަކީމީ ފާހަގަ ކޮށްލެވެއެވެ.