ފާއިތުވީ ސީޒަނުގައި ކާމިޔާބު ކޮށްފައިވާ މުބާރާތްތަކާއި ހޯދާފައިވާ ޓައިޓަލް ތަކަށް ރިއާޔަތްކޮށްގެން ބަލޮންޑޯ އެވޯޑް ދޭނަމަ، އެ އެވޯޑު އެންމެ ހައްގު ކުޅުންތެރިޔާއަކީ އޭނާ ކަމަށް އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ބުނެފިއެވެ.

ބްރެޒިލްގެ ސްޕޯޓީވީ އަށްދިން އިންޓަވިއު އެއްގައި ޖޯޖީނިއޯ ބުނީ، އޭނާއަށް އެވޯޑް ލިބުމާއި ނުލިބުން ބިނާވެގެންވަނީ އެވޯޑް ދޭއިރު ބަލާ ކްރައިޓީރިއާ އަށް ކަމަށެވެ.

އެ ކްރައިޓީރިއާ އަކީ ކޮންމެ ސީޒަނެއްގައިވެސް އެކުޅުންތެރިއަކު ނިސްބަތްވާ ޓީމާއިއެކު ހޯދާފައިވާ ކާމިޔާބީތަށް ކަމަށްވާނަމަ، އޭނާއަށްވުރެ ގިނައިން ފާއިތުވީ ސީޒަނުގައި ޓައިޓަލްތައް ހޯދި ކުޅުންތެރިއަކު ނެތްކަމަށް ޖޯޖީނިއޯ ބުންޏެވެ. އަދި ކްރައިޓީރިއާ އަކީ އެއީކަމަށް ވާނަމަ، އެވޯޑް ހައްގު ވަނީވެސް އޭނާއަށް ކަމަށް ޖޯޖީނިއޯ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކްރައިޓީރިއާ އަކީ ކުޅުންތެރިއާގެ ހުނަރު ކަމަށްވާނަމަ އޭނާ އަކީ ދުނިޔޭގެ އެންމެ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއާ ނޫންކަން އަމިއްލަ އަށް އިނގޭކަމަށްވެސް ޖޯޖީނިއޯ ބުންޏެވެ. އަދި ރޮނާލްޑޯ އާއި މެސީ ނުވަތަ ނޭމާ ފަދަ ކުޅުންތެރިންގެ ފަންތީގައި އޭނާ ނުހިމެނޭކަން ގަބޫލުކުރާ ކަމަށްވެސް ޖޯޖީނިއޯ ވަނީ ބުނެފައެވެ.

މި މޭރުމުން ޖޯޖީނިއޯ ވާހަކަ ދައްކާފައިވާއިރު އޭނާ ވަނީ ފާއިތުވީ ސީޒަނުގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކާ، އެކުލަބާއިއެކު ޔޫއެފާ ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފައެވެ. އަދި އިޓަލީން މިފަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރުގައިވެސް ޖޯޖީނިއޯގެ ދައުރު ބޮޑެވެ.

ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ އަދި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައި ދެކޭ ބެލަންޑޯ އެވޯޑް ހޯދުމަށް ކޮންމެ އަހަރަކުވެސް ކުޅުންތެރިން ގަދައަޅާ މަސައްކަތް ކުރަމުން އަންނައިރު ބޭރުގެ މީޑިއާތަކުން ބުނާގޮތުން މިފަހަރުގެ ބެލަންޑޯ އެވޯޑް ހާސިލްކުރުމުގެ ފުރުސަތު އެންމެ ބޮޑީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޖޯޖީނިއޯގެ އިތުރުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން، ރޮބާޓް ލެވަންޑޮސްކީ އެވެ.

މި ޝަރަފުވެރި އެވޯޑް އެންމެ ގިނައިން ހޯދާފައިވާ މެސީ ވަނީ އާޖެންޓީނާ އާއިއެކު މިފަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައެވެ، އެހެންނަމަވެސް ފާއިތުވީ ސީޒަނުގައި ލީގު ޓައިޓަލްވެސް އަދި ޗެމްޕިއަންސް ލީގުގެ ޓައިޓަލްވެސް އޭނާއަށް ލިބިފައެއް ނުވެއެވެ. މެސީ ވަނީ ޖުމްލަ 6 ފަހަރަށް މި އެވޯޑު ހޯދާފައެވެ.

ދެވަނައަށް އެންމެ ގިނަފަހަރަށް މި އެވޯޑު ހޯދާފައިވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފާއިތުވީ ސީޒަނާއި މިފަހަރުގެ ޔޫރޯގައިވެސް އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ރޮނާލްޑޯ ވަނީ ޔޫރޯ 2020 ގެ ގޯލްޑަން ބޫޓު ހާސިލް ކޮށްފައެވެ.