ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަދި ރެއާލް މެޑްރިޑުގެ ކުރީގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެކުލަބުގެ ކުރީގެ ކޯޗް، ހޯސޭ މޮރީނިއޯ އާއި ބެހޭގޮތުން ރެއާލްގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް ދައްކާފައިވާ ބޭއަދަބީ ވާހަކަތަކެއްގެ އޯޑިއޯ ލީކުވެއްޖެއެވެ.
މީގެ އަހަރުތަކެއް ކުރިން ދެފަހަރެއްގެ މަތިން ޕެރޭޒް ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ ރެކޯޑިންގް ތަކެއް ބުދަ ދުވަހުގެ ވަގުތެއްގައި ލީކު ވުމާއި ގުޅިގެން މީސްމީޑިއާގައި އަދި ފުޓުބޯޅައިގެ މާހިރުން އަންނަނީ ޕެރޭޒް އަށް ފާޑު ކިޔަމުންނެވެ.
އެގޮތުން 2012 ވަނަ އަހަރުގައި އެކުލަބަށް މޮރީނިއޯ އިރުޝާދުދެމުން ދަނިކޮށް އަދި ރޮނާލްޑޯ އެކުލަބަށް ކުޅެމުން އައި ދުވަސްވަރެއްގައި ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ ރެކޯޑިންގް ލީކު ކޮށްލާފައިވަނީ އެލް ކޮންފިޑެންޝަލް ނަމަކަށް ކިޔާ ވެބްސައިޓަކުންނެވެ.
މި ރެކޯޑިންގައި ޕެރޭޒް ބުނެފައިވަނީ ރޮނާލްޑޯ އަކީ މޮޔައެއް ކަމަށާއި، އޭނާ ކުރާ ކަންކަމަކީ މޮޔަނޫން މީހަކު ކުރާ ކަހަލަ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި މޮރީނިއޯ އަކީވެސް މުޅިން ހަމަ މީހެއް ނޫން ކަމަށާއި މި ދެ މީހުންނަކީވެސް "އީގޯ" ބޮޑު، "ހޭންޑަލް" ކުރަން އުނދަގޫ ދެމީހުން ކަމަށެވެ.
މީގެއިތުރުން އެލް ކޮންފިޑެންޝަލް އިންވަނީ 2006 ވަނަ އަހަރު ޕެރޭޒް އެކުލަބުގެ ދެ ލެޖެންޑުން ކަމުގައިވާ އިކާ ކަސިއަސް އާއި ރައުލް ގޮންޒާލޭޒާއާ ބެހޭ ގޮތުން އަގުވައްޓާލާ ގޮތަށް ދެއްކި ވާހަކަތަކެއްގެ އޯޑިއޯވެސް ލީކު ކޮށްލާފައެވެ. ލީކުވި އޯޑިއޯގައި، އެނާ ވަނީ ރައުލް އާއި ކަސިއަސް އަކީ ރެއާލްގައި ކުޅޭ ފެންވަރަށްވުރެ ދަށް ކުޅުންތެރިން ކަމަށް ބުނެފައެވެ. އަދި އެ ދެ ކުޅުންތެރިންނަކީ އޮޅުވާލައިގެން ރެއާލަށް ކުޅެމުން އަންނަ ކުޅުންތެރިން ކަމަށްވެސް އޭނާ ބުންޏެވެ.
މީގެކުރިންވެސް ބޭރުގެ ބައެއް ކުޅިވަރު މީޑިއާތަކުން ވަނީ ކަސިއަސް އާއި ރައުލް އަށް ރެއާލްގައި ހުރެ ރިޓަޔާކުރުމުގެ ފުރުސަތު ނުދިނީ ޕެރޭޒް ކަމަށް ތުހުމަތު ކޮށްފައެވެ. ލީކުވި މި އޯޑިއޯ ތަކާއިއެކު މި ތުހުމަތުތަކަކީ ހަގީގަތެއް ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މިފަރާތްތަކުގެ އިތުރުންވެސް މީގެކުރިން ރެއާލް އާއިއެކު އެތައް ކާމިޔާބީތަކެއް ހޯދާފައިވާ އެހެން ބައެއް ކުޅުންތެރިންނާއި ކޯޗުންނާއި ގުޅޭގޮތުންވެސް ބޭއަދަބީ އެތައް ވާހަކަތަކެއް މި ރެކޯޑިންގ ތަކުގައި ޕެރޭޒް ދައްކާފައިވެއެވެ. އެގޮތުން ކުރިން އެޓީމަށް ކޯޗުކަން ކޮށްދިން ޑެލް ބޮސްކޭ އާއި ޑިފެންޑަރު ފަބިއޯ ކޮންޓްރާއޮ އާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކެއްވެސް މި ރެކޯޑިންގައި ހިމެނެއެވެ.
މި އޯޑިއޯ ރެކޯޑިންގ ތަކާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ޕެރޭޒް އަށް އަމާޒުވަމުން ދިއުމާއި ގުޅިގެން ރެއާލް މެޑްރިޑުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ދައުރުވަމުންދާ އޯޑިއޯ އަކީ މީގެ އަހަރުތަކެއް ކުރިން ޕެރޭޒާއި ހޯސޭ އަލްބާޓޯ އަބޭލާންއާ ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ރެކޯޑްކޮށްފައިވާ އޯޑިއޯއެއް ކަމަށެވެ.
އެހެންނަމަވެސް މި އޯޑިއޯ ލީކުކޮށްލާފައިވަނީ ވަކި މަގްސަދެއް ހާސިލުކޮށް، ޕެރޭޒްގެ އަގުވައްޓާލުމުގެ ބޭނުމުގައި ވާހަކަތައް އުނިކޮށް، ބަދަލުގެނެސްގެން ލީކު ކޮށްލާފައިވާ އޯޑިއޯއެއް ކަމަށް ރެއާލްގެ ބަޔާނުގައި ބުނެފައިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ޕެރޭޒް ވަނީ މި ރެކޯޑިންގ ތަކާއި ގުޅިގެން ގާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތަކާއިމެދު މަޝްވަރާކޮށް، އެކަންކަން ކުރިއަށް ގެންދިއުމަށް އޭނާގެ ގާނޫނީ ޓީމާއި ހަވާލު ކޮށްފައެވެ. އަދި ޕެރޭޒްގެ ގާނޫނީ ޓީމާއި ރެއާލްގެ ގާނޫނީ ޓީމުން ގުޅޭނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.