"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވިލިނގިލީ ވަސްމީރުފިޔަ އަހުމަދު އުޝާމަށް ދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާކަމަށެވެ.

މި ޕާޓީގައި ވިލިނގިލީ ދާއިރާގެ މެމްބަރު އުޝާމް ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 5 މެމްބަރަކު އިސްވެ ތިއްބަވައެވެ.

އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާއި އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޕާޓީގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަގެނތީގެ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދު ވެސް އުޅުއްވާ ކަމަށެވެ.

އުންމީދަކީ ގިނަ ދުވަސްތަކެއް ނުވެ ޕާޓީ ރަޖިސްޓްރީކުރުމަށް ކުރަންޖެހޭ ކަންކަން ކޮށް ނިމުން ކަމަށް އުޝާމް ވިދާޅުވިއެވެ.

ކާނަލަ ނާޒިމް އާއި އަބްދުﷲ ރިޔާޒްއާ ދެބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގައި ތިއްބެވި ދެބޭފުޅުންނެވެ.

އެހެންނަމަވެސް މި ޕާޓީއާ ގުޅިވަޑައިގަތުމަށް މި ދެބޭފުޅުން ވަނީ ދާދި ފަހުން ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އެހެންނަމަވެސް މި ދެ ބޭފުޅުން ޕާޓީން ވަކިވުމުގައި އަމަލުކޮށްފައިވަނީ އެކަން ކުރަންޖެހޭ އުސޫލުތަކުގެ ތެރެއިން ނޫން ކަމަށްބުނެ ޖުމްހޫރީ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޕާޓީ ތެރޭގައި ތިއްބަވައިގެން ސިއްރިއްޔާތުގައި އެކަން ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށާއި، ޕާޓީގެ ތެރެއިން ކުރިއާލައި ވަކިވެވަޑައިގެން، އެއަށްވުރެ ރީތިގޮތުގައި އެމަސައްކަތް ކުރެވުނީސް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.