ދިވެހި ބަހުގެ އެކަޑެމީއާއި ވީ މީޑިއާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ ދިވެހި ބަހުގެ އެކެޑަމީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މިއީ ދިވެހި ބަހާއި އަދަބިއްޔާތާއި ދިވެހި ތާރީހު ކުރިއެރުވުމަށް ދިވެހި ބަހުގެ އެކެޑެމީން ހިންގާ ހަރަކާތްތައް ރައްޔިތުންނާއި ހިސާބަށް ފޯރުކޮށްދިނުމަށާއި، ވީމީޑިއާއިން ބަހާއި އަދަބިއްޔާތާއި ތާރީހުގެ ކަންކަން ކުރިއެރުވުމަށް ކުރާ މަސައްކަތް ދެފަރާތުން ގުޅިގެން ކުރިއަށް ގެންދިއުމުގެ މަގްސަދުގައި އެކުލަވާލި ފަހުމުނާމާއެކެވެ.

އެގޮތުން، ދިވެހި ބަހާއި ދިވެހި އަދަބިއްޔާތާއި ތާރީހަށް މީހުން ހޭލުންތެރި ކުރުވުމަށްޓަކައި މި ފަހުމުނާމާގެ ދަށުން މަސައްކަތް ކުރެވޭނެއެވެ.

އަދި، ދިވެހި ބަހާއި، ތާރީހާއި ސަގާފަތް ރައްކާތެރިކޮށް، ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށް ދިނުމަށްޓަކައި މާސްމީޑިޔާގެ ޒަރީއާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ވީމީޑިއާގެ ހަބަރާއި މައުލޫމާތު ގެނެސްދޭ މުވައްޒަފުންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމުގައި ވީމީޑިޔާއަށް ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަންދީ ފަންނީ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ދިވެހި ބަހުގެ އެކެޑމީގެ ރައީސް، އަޝްރަފް އަލީ ވަނީ، ވީމިޑިއާގެ އަމިއްލަ އިސްނެގުމުގެ މަތީން މިފަދަ ހުށަހެޅުމެއް ހުށަހެޅިކަމަށްޓަކައި، ވީމީޑިއާގެ އެކްޓިން ސީއޯއޯ މުހައްމަދު ޒަހީންއަށާއި، ވީމީޑިއާ ހިންގެވުމުގައި ހަވާލުވެ ތިއްބެވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ވީމީޑިއާގެ އެކްޓިން ސީއޯއޯ، މުހައްމަދު ޒަހީން ވިދާޅުވީ، ވީމީޑިއާގެ ހުރިހާ ކޮންޓެންޓަކީ ދިވެހިންނަށް އަމާޒުކޮށްގެން ގެނެސްދެވޭ ކޮންޓެންޓަކަށް ވެފައި، މިފަހުނުމުނާމާގެ ދަށުން އެކުލަވާލަން ހަމަޖެހިފައިވާ ކަންކަމަކީ މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށެވެ.

އަދި، ވީމީޑިއާގެ ނޫސްވެރިން ދިވެހިބަހަށް ހޭލުންތެރިކުރުމަކީ ވަކީން މުހިންމު ކަމެއް ގޮތުގައި ޒަހީން ވަނީ ފާހަގަ ކުރައްވާފައެވެ.

ދެފަރާތުގެ އުއްމީދަކީވެސް ކުރިއަށް އޮތްތަނުގައި ފުރިހަމަ ކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް ދެފަރާތުން ވިދާޅުވެފައި ވެއެވެ.