ކޮވިޑް-19އާއި ގުޅިގެން ވެއްޓުނު އަޑިގަނޑުން އަރައިގަންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެއެވެ.

ޓިމް މިފަދައިން ވިދާޅުވީ، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޓިމް ވަނީ، މި ހައްސާސް ދަތި އުދަނގޫ ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގައި ބޭންކް އޮފް މޯލްޑިވްސް ދެމިއޮންނާނެކަން ތަކުރާރު ކުރައްވާފައެވެ.

ދިވެހިރާއްޖެ ވެގެންދިޔައީ މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްގައުމަށް ކަންވެސް ޓިމް ފާހަގަ ކުރެއްވިއެވެ.

ކޮވިޑްގެ ސަބަބުން ދިމާވެދާނެ އިގްތިސާދީީ ހީނަރުކަން ކުރިން ދެނެގަނެވި ގައުމަށް އެހީވުމަށާއި އިގްތިސާދު ހީނަރުވިޔަ ނުދިނުމަށް ބޭންކުން ވާނީ ސްޓްރެޓަޖީއެއް އެކުލަވާލާފަ ކަމަށާއި، މިދަނޑިވަޅުގައިވެސް މެދުކެނޑުމެއްނެތި ބޭންކިންގ ހިދުމަތް ކުރިޔަށް ގެންގޮސް ކޮޮވިޑްގެ ސަބަބުން މާލީގޮތުން އަސަރުކޮށްފައިވާ ކަސްޓަަމަރުންނަށް އެހީވުމަށް ޝޯޓް ޓަރމް ފައިނޭނަސިންގއެއް ދޫކުރެވި އަދި ބޭންކުން ނަގާފައިވާ ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ލޯނު ސްކީމްތައް މެނޭޖްކުރުމުގައި އެހީތެރިވެދެވުނު ކަންވެސް ޓިމް ފާހަގަކުރެއްވިއެވެ.

"އީއައިބީ ކޮވިޑް-19 ރިކަވަރީ ލޯނާއި ދާދި ފަހުން ފެށުނު އިކޮނޮމިކް ސްޓިމިއުލަސް ލޯނު ދޫކުރުމަށް އެހީތެރިވެވުނު. ކޮވިޑް ސްޓްރެޓަޖީގެ މުހިންމު ބަޔަކަށްވީ ލިކުއިޑިޓީ ޕްރެޝަރ ކުޑަކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ފަންޑިންގ ރާއްޖޭން ބޭރުން ހޯދުން. އަޅުގަނޑުމެންގެ މި ސްޓްރެޓަޖީ ކާމިޔާބުކަމަށް ސާބިތުވި. މިގޮތުން އެކިއެކި މާލީ އިދާރާތަކާ ގުޅިގެން ފަންޑިންގެ ގޮތުގައި ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހޯދިފައިވާކަން ފާހަގަކޮށްލަން. ހަމައެހެންމެ މި ދަނޑިވަޅުގައިވެސް ގައުމަށް އިތުރަށް އެހީތެރިވުމުގެ ގޮތުން އެކަށޭނަ އަދަދަކަށް ބޭރު ފައިސާ ގެ ރިސާރވް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރެވުނު."
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ

މިދިޔަ އަހަރުގެ ނަތީޖާއަށް އަލިއަޅުވާލަމުން ޓިމް ވިދާޅުވީ، އަހަރު ކާމިޔާބު ކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ބޮޑު ނޭދެވޭ އަސަރެއް ކުރިކަމަށެވެ.

އަދި އަހަރު ނިމުނުއިރު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 60 ޕަސެންޓަށް ވުރެ ބޮޑު ދަށްވުމެއް ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް ބޭންކަށް ކުރިއެރުން ލިބެމުންދިޔަ ކަމަށާއި، އެގޮތުން ބާރަހާސް އައު ކަސްޓަމަރުން ބޭންކާ އަލަށް ގުޅުނުކަމަށް ޓިމް ވިދާޅުވިއެވެ. އަދި އައު ލޯނުގެ ގޮތުގައި މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޓިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ބޭންކަށް އުދަނގޫތަކާ ކުރިމަތިވާނެ ކަމަށެވެ. އެއާއެކުވެސް ދެމެހެއްޓެނެވި ކުރިއެރުމަކަށް މިކަންކަމުން އަރައިގަތުމުގެ ހިތްވަރު އެބަހުރި ކަމަށް ވިދާޅުވިއެވެ.