ޖުމްހޫރީ ޕާޓީގެ ފިކުރާ ނުލައި، ވެރިކަމަށް އާދެވުނު ވެރިއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވިދާޅުވެއްޖެއެވެ.

އަލީ ހަމީދު މިފަދައިން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ މިހާރު ފިކުރެއް ނޫން ކަމުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދް ޝިޔާމް ވިދާޅުމުން ކުރެއްވި ޓުވީޓެއްގައެވެ.

މެންބަރު އަލީ ހަމީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ފިކުރާއިނުލައި ރާއްޖޭގެ ވެރިކަމަށް އާދެވުނު އެއްވެސް ޕާޓީއެއްވެސް، ވެރިއެެއްވެސް ނެތްކަމަށެވެ.

ކަފިކަފި ގިނަ ފިކުރުތަކެއް އުޅޭކަން އެނގޭ ކަމަށާއި، ޖުމްހޫރީ ޕާޓީ ތެރޭގައި އަދި އެފަދަ ކަމެއް ނުހިނގާކަމަށް އަލީ ހަމީދު ވިދާޅުވިއެވެ. އަދި ޖޭޕީގައި ލީޑަރެއް ހުރިކަންވެސް އޭނަ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެމްބަރު ޝިޔާމް ވިދާޅުވެފައިވަނީ، ޖޭޕީއަކީ މިހާރު ފިކުރެއް ނޫން ކަމުގައެވެ.

އަދި މިހާރު ޖޭޕީއަކީ އެމްޑީޕީގެ ނާތަހުޒީބު ސިޔާސަތުގެ ތެރޭގައި އޮތް ޕާޓީއެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.