އިސްރާއީލުގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ ބައިތާރް ޖޭރޫސަލަމްއާއި، ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބާސެލޯނާއާއެކު ކުޅުމަށް ހަމަޖެހުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ކެންސަލްކޮށްފިއެވެ.
މެޗް ކެންސަލްކުރީ އިސްރާއީލުގެ ފުޓްބޯޅަ ކްލަބުންނެވެ.
މެޗް ކެންސަލްކުރީ، ގުދުސްގައި މެޗްކުޅެން ބާސެލޯނާ ދެކޮޅު ހެދުމުން ކަމަށް ވެއެވެ.
ބައިތާރް ޖޭރޫސަލަމްއާއި، ބާސެލޯނާއާ ދެމެދު އެކުވެރިކަމުގެ މެޗް ކުޅުމަށް ހަމަޖެހިފައިއޮތީ އަންނަ އޮގަސްޓްމަހުގެ 4 ވަނަ ދުވަހުއެވެ.
ބައިތާރް ޖޭރޫސަލަމް ފުޓްބޯޅަ ކްލަބުގެ ވެރިޔާ މޯޝޭ ހޮގޭގް ބުނީ، އޭނާއަށް މެޗް ކެންސަލްކުރަން މަޖުބޫރުވީ، ގުދުސްއިން ބޭރުގައި މެޗް ކުޅެން ބޭނުން ނުވާތީ ކަމަށެވެ.
ބާސެލޯނާއާއެކު ކުޅެން ހަމަޖެހުނު މެޗް ގުދުސްއިން ބޭރުގައި ކުޅެން ކުރިމަތިވި ފިއްތުންތަކަކީ ސިޔާސީ ފިއްތުންތަކެއް ކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް އެކަމުގައި ދޫދޭން އޭނާ ބޭނުން ނުވީ ކަމަށް މޯޝޭ ބުނެފައި ވެއެވެ.
ފޭސްބުކްގައި މޯޝޭ ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، އޭނާއަކީ ބާސެލޯނާގެ ފޭނެއް ކަމަށާއި، ނަމަވެސް އޭނާއަށް ގުދުސްއަށް "ޣައްދާރުވެވެން" ނެތް ކަމަށެވެ.
މެޗް ކެންސަލްކުރި މައްސަލާގައި ބާސެލޯނާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އިސްރާއީލުން ޖޭރޫސަލަމްގެ ނަމުން މުޚާތަބުކުރަނީ ގުދުސްއަށެވެ.
އިސްރާއީލުން އިރުމަތީ ގުދުސް ހިފާފައިވަނީ 1967 ވަނަ އަހަރު އަރަބި ބައެއް ގައުމުތަކާއެކު ކުރި ހަދުވަހުގެ ހަނގުރާމައަށް ފަހުގައެވެ. އަދި ފަހުން މުޅި ގުދުސްއަކީ އިސްރާއީލުގެ އަމިއްލަ ބިމެއް ކަމަށް ކަނޑައަޅައި، ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށްވެސް އަމިއްލައަށް ކަނޑައަޅައި އިޢްލާން ކޮށްފައެވެ.
ނަމަވެސް އެކަން ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލު ކޮށްފައެއް ނުވެއެވެ.
އިރުމަތީ ގުދުސްއަށް އިސްރާއީލުން ވެރިވެގަތުން ކުށްވެރިކޮށް، އެކަމަކީ އދގެ ޗާޓަރާއި އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަމެއްކަމަށް ކަނޑައަޅައި 1980 ވަނަ އަހަރު އދއިންވަނީ ގަރާރެއް ފާސްކޮށްފައެވެ.