ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަށް ދައުވާކުރުމަށް މިމަހުގެ 20ގައި ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ހަވާލާދީ މެއި 6 ކޮމެޓީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނީ އެ ޕާޓީން ރޭ ބޭއްވި 179 ވަނަ ގައުމީ މަޖިލީސް ޖަލްސާގައި މޭ 6 ކޮމެޓީން މިހާތަނަށް އެއްކޮށްފައިވާ މައޫލޫމާތު ހިއްސާކޮޮޮޮޮޮޮޮޮޮށްްފައެވެ.

ކޮމިޓީގެ މުގައްރިރު، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް މޭ 6 ގައި ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތާއި ގުޅޭ މައުލޫމާތު ހޯދުމަށް މިމަހުގެ 5 ވަނަ ދުވަހު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި ކޮމެޓީން ބައްދަލުކޮޮޮށްފައިވާ ކަމަށެވެ.

މިނިސްޓަރާއި އެކު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަށް ދައުވާކުރުމަށް މިމަހުގެ 20ގައި ފޮނުވުމަށް މަސައްކަތްކުރަމުންދާ މިނިސްޓަރ ވިދާޅުވެފައިވާ ކަމަށާއި ރައީސް ނަޝީދަށް ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސްއަށް ކުރިން ލިބިފައިނުވާ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވި ކަމަށް ހަސަން އަފީފް ވިދާޅުވިއެވެ.

އަދި އާންމުކޮށް ކުށްތަކުގަ އުޅޭ މީހުން ރައީސް ނަޝީދުގެ ހަމާލަގައި ބައިވެރިނުވާ ކަމަށާއި މިހަމަލާގައި ބައިވެރިވެފައިވަނީ އެންމެ މަތީ ދަރަޖައިގެ ހަރުކަށި ފިކުރުގެ މީހުން މީހުން ކަމަށް މިނިސްޓަރ އިމްރާން ވަނީ މި ބައްދަލުވުމުގައި ވިދާޅުފައެވެ.

އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ފާހަގަކުރިން. އެއީ މިފަދަ ކަމެއް ހިނގި އިރުގަ އިންޓެލިޖެންސްއަށް މިފަދަ މައުލޫމާތެއް ލިބިފައި ނެތުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް އަޅުގަނޑުމެން ދެންނެވިން. އެއީ އަޅުގަނޑުމެން ވިސްނާލާއިރުގަ މިއީ އަޅުގަނޑުމެން މުޅި ރައްޔިތުންނަށް އޮތް ބިރުވެރިކަމެއް. މާލޭގަ އެންމެ ކާރުބާރު ބޮޑު މަގު މަޖީދީމަގު މެދުގައި ބޮމެއް ގޮއްވާލުމަކީ އާދައިގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ނެގޭކަށް ނެތް. އަދި މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ތަހުގީގު ނިމެންދެން ހޯދުން އެއީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެންނެވިން މިނިސްޓަރަށް."
މޭ 6 ކޮމެޓީގެ މުގައްރިރު ހަސަން އަފީފް

އަދި މިހާރުވެސް ސޯޝަލް މީޑިއާގަ ހަރުކަށި ފިކުރު ހުރި މީހުންގެ ލިޔުންތައް އެމީހުން ޝާއިޢުކުރަމުންދާއިރުގައިވެސް އެފަދަ މީހުންނަށް ފިޔަވަޅެއްނޭޅޭ ސަބަބުވެސް މިނިސްޓަރު އަރިހުން ސާފުކުރަންޖެހުނު ކަމަށާއި ޓެރަރިޒަމްގެ ހަމާލާތައް ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީއާއި ހަވާލުކުރެވިފައިވާ މެންޑޭޓާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަ ދެއްކެވުނު ކަމަށްވެސް މުގައްރިރު ވިދާޅުވިއެވެ.

ހަމައެކަނި ހޯމް މިނިސްޓްރީގެ ޒިންމާއަކީ ޓެރަރިޒަމް ހުއްޓުވުމުގަ އެ ޓެރަރިސްޓުން ރިހެބިލިޓޭޓް ކުރުން ކަމަށް އެއީ ހަަމައެކަނި އޮތް ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ. ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތަކީ މިނިސްޓަރު ވިދާޅުވަނީ އޮންނަނީ ޑިފެންސް މިނިސްޓްރީގައި ކަމަށް. ދެން މިހާރު އަޅުގަނޑުމެންނަށް ޚަބަރުލިބޭ ގޮތުގަ ޑިފެންސް މިނިސްޓަރު ވިދާޅުވަނީ މިހާރު އެކަންތައްތައް ބަދަލުވެފައިމިވަނީ ރައީސް އޮފީހަށޭ."
މެއި 6 ކޮމެޓީގެ މުގައްރިރު ހަސަން އަފީފް

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒާއި ޖުލައި 3 ވަނަ ދުވަހު ޕާޓީ އޮފީހުގައި ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި އެމަނިކުފާނަށް މޭ 6 ކޮމެޓީން މިހާތަނަށް ކުރެވިފަ ހުރި މަސައްކަތްތައް ހިއްސާކުރެވުނު ކަމަށް ވެސް ހަސަން އަފީފް ވިދާޅުވިއެވެ.

އަދި މި ބައްދަލުވުމުގައި އައްބާސް ފާއިޒްގެ މަސައްކަތްޕުޅުގެ ސްކޯޕް އެބޭފުޅާ ހިއްސާކުރެއްވިކަން ފާހަގަކުރައްވާ ހަސަން އަފީފް ވިދާޅުވީ އައްބާސް ފާއިޒް މަސައްކަތްޕުޅު ކުރައްވަނީ އެއްވެސް މީހެއްގެ ނުފޫޒެއްނެތި ކަމަށް އައްބާސް ވިދާޅުވި ކަމަށެވެ.

އެހެންކަމުން އެ ބޭފުޅާ މަސައްކަތް ކުރައްވާނީ ރަނގަޅަށް ކަމަށް އުންމީދު ކުރެއްވޭ ކަމަށާއި ތަހުގީގުގައި ފާހަގަކުރެވޭ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މުގައްރިރު އަފީފް ވަނީ ފާހަގަކުރައްވާފައެވެ.