ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށްޓަކައި ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް ވާނީ ދެންނެވިފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާތީއެވެ.

މަބްރޫކް އަޒީޒް ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް ވާނީ ދެންނެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.