ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ސ.މީދޫ އެކުވެރިންގެ ޗެއިން ޖަމުއިއްޔާއަށް ގިނަ އަދަދެއްގެ ފޮތް ހަދިޔާ ކޮށްފިއެވެ.
އާންމުންނާއި ދަރިވަރުން ފޮތްތެރިކަމަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން ވަނީ އެތައް ބައިވަރު ފޮތަކާއި ފޮތް ބެހެއްޓުމަށް ތިން ފޮތް ހަރު ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި، ދިވެހި ބަހާއި، ތާރީޚާއި، ސަގާފަތާއި، ރާއްޖޭގެ ކަނޑުފަޅުތަކުގެ މައުލޫމާތާއި، ތާރީޚު ދީބާ މަހަލް ފަދަ ފޮތްތައް ހިމެނިގެންވާ ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވަނީ ވިދާޅުވެފައެވެ.
ދިވެހި ބަހުގެ އެކެޑަމީގެ މަގްސަދަކީ ވީހާވެސް ގިނަ ބަޔަކަށް މި މައުލޫމާތުތައް ފޯރުވައިދިނުން ކަމަށާއި، ގިނަ ފަރާތްތަކަށް ކިޔޭނެ ފުރުސަތުތައް ފަހި ކޮށްދިނުން ކަމުގައިވެސް އަޝްރަފް ވިދާޅުވިއެވެ. އަދި، ފޮތްތެރިކަން އިތުރުވާނީ ކިޔުމުގެ ސަގާފަތެއް ދިވެހީންގެ ތެރޭގައި އުފެދި، ތަރައްގީވެގެންކަންވެސް އަޝްރަފް ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން، މިކަމަކީ، އެތައް ބަޔަކަށް އިލްމު ފޯރުކޮށްދެވިގެންދާނެ ކަމެއް ކަމަށްވެސް އަޝްރަފް ވަނީ ވިދާޅުވެފައެވެ. އަދި މި ފޮތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް އަޝްރަފް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ދަރިވަރުންނަށް މިތަކެތި ބޭނުންކުރުމުގެ އިންތިޒާމެއް ހަަމަޖައްސާ، ފޮތްކިއުމަށްފަހު އަމަލުކުރާނެ ގޮތް ކަނޑައެޅޭނެ ފަދަ އުސޫލެއް އޮތުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
ސ. މީދޫ އެކުވެރިންގެ ޗެއިން ޖަމުއިއްޔާއަކީ، މި މަސައްކަތް މިހާރުވެސް ކުރަމުން ގެންދާ ޖަމުއިއްޔާއެއް ކަމުން، އެފަރާތުން މި އިންތިޒާމްތައް ފުރިހަމައަށް ކުރާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް އަޝްރަފް ވިދާޅުވިއެވެ. އަދި، އެކެޑަމީގެ އެންމެ ބޮޑު އުންމީދަކީ، މި އިލްމީ ހަޒާނާ ރައްކާތެރިކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.
މީދޫ އެކުވެރިންގެ ޗެއިން ޖަމުއިއްޔާގެ ފަރާތުން ވާހަކަ ދައްކަވަމުން، ފާތިމަތު ވަސީމާ ވަނީ ދިވެހި ބަހުގެ އެކެޑަމީއަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، މިޖަމުއިއްޔާގެ ފަރާތުން ރަށުގެ ސްކޫލް ކުދިންނަށާއި އާންމުންނަށް ހުޅުވާލައިގެން މިހާރުވެސް ލައިބްރަރީ އެއް ހިންގަމުންދާކަމަށާއި، ހަދިޔާކުރެވިގެން މިދިޔަ ފޮތްތަކުގެ ސަބަބުން، ބައިވަރު މައުލޫމާތު އެއްތަނަކުން ލިބިގެން ދިއުމުގެ ސަބަބުން ލައިބްރަރީ އިތުރަށް ކުރިއަރައިގެންދާނެކަމަށްވެސް ވަސީމާ ވިދާޅުވިއެވެ. އަދި، ލައިބްރަރީ ހުޅުވާލައިގެން ކުރިއަށް ގެންދަނީ ދަރިވަރުންނަށް ވަކި ވަގުތެއްގައި، އަދި އާންމުންނަށް ވަކި ވަގުތެއްގައި ކަމަށްވެސް ވަސީމާ ވިދާޅުވިއެވެ.
މި ފޮތްތަކާއި ފޮތްހަރު ހަދިޔާ ކޮށްފައިވަނީ، ދިވެހި ބަހުގެ އެކެޑަމީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.