19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ އެވޯޑް ސްޓެލްކޯއަށް ލިބިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ މި އެވޯޑަކީ 72 އަހަރުގެ ހިދުމަތުގެ ރެކޯޑްއޮތް އެ ކުންފުނި ކުރިއަރާ ގޮސްފައިވާ ގޮތާއި، ކުންފުނީގެ ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތަކާއި، ހޯދަމުންދާ ކުރިއެރުންތަކަށް ބިނާކޮށް ދީފައިވާ އެވޯޑެއް ކަމަށެވެ.

އެގޮތުން މާލޭގެ އާބާދީއާއި، އުމްރާނީ ތަރައްގީއާއި އެއްކޮށް އަންނަމުންދާ ހިފެހެއްޓުމެއްނެތް ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށް ސްޓެލްކޯއިން ނަމޫނާ ދައްކާފައިވާތީއާއި، ޖާގައިގެ ދަތިކަމާއެކުވެސް، ސްޓެލްކޯއަށް ލިބިފައިވާ ބިމުގެ އެކި ދިމަދިމާލުގައި ޖަނަރޭޓަރު ބަހައްޓައިގެން އެ އަރަމުންދިޔަ ޑިމާންޑަށް ކޭޓާ ކުރުމަށް ކޮށްފައިވާ މަސައްކަތްކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މީހުން ބިނާ ކުރުމުގެ ރޮނގުން އެކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި، ކޮވިޑްގެ ހާލަތުގައި ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދުވަހު މުސާރައަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ޕެރޯލްގައި ތިބި ބައެއް ފަރާތްތައް ރަނގަޅުގޮތުގައި އަނބުރާ މުޖުތަމައުއަށް ނިކުތުމަށް އެހީތެރިވުމަށް އެފަރާތްތަކަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގައި އަދާކުރެވިދާނެ ފަދަ ވަޒީފާތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމުގެ އިތުރުން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށްވުން ވެސް ހިމެނޭކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ވާނީ 14 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފަށައި، 200 މެގަވޮޓާއި ގާތްކުރާ އަދަދެއްގެ ކޮމްބައިންޑް ކެޕޭސިޓީއެއް ގާއިމްކޮށްފައި ކަމަށެވެ. އަދި ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، އިސްތިހާރު ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ސްކްރީން ބެހެއްޓުމާއި، ސްޓެލްކޯ ސޭލްސް ސެންޓަރުގެ ހިދުމަތާއި، ސޯލާ ޕެނަލް ވިއްކުމަށް ހުޅުވާފައިވާ ސްޓެލްކޯ ގްރީންލައިފް ސޯލާ ސެންޓަރާއި، ސްޓެލްކޯ ގްރީންލައިފް ބަސް ސްޓޮޕާއި، ސްޓެލްކޯ ފްލޯޓިންގ ސޯލާ ޕޮޑްގެ އިތުރުން، ކަސްޓަމަރުންނަށް އެންމެ ހެޔޮއަގުގައި ބޯފެން ފޯރުކޮށްދިނުމަށް "ސްޓެލްކޯފެން" ބާޒާރަށް ނެރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދެވުމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެކުންފުނިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްއަގުވާމީ މިންގަނޑެއް ކަމުގައިވާ އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރުމާއި، ސްމާޓްމީޓަރާއި، ސްމާޓް ގްރިޑްފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް މިކުންފުނިން ބޭނުންކުރަން ކުރަމުންދާ މަސައްކަތްތައް މީގެ ތެރޭގައި ހިމެނެ އެވެ.

19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާއިރު، 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި، ސީއެމްޑީއިން ދޭ ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަށްދޭ "ސީޖީ އެފޯޓްސް އެވޯޑް" އާއި، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑާއި، ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑްވެސް ސްޓެލްކޯއަށް ވަނީ ލިބިފައެވެ.