• ރައީސްގެ މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ތިން ރަށަކަށް ވަޑައިގަންނަވާނެ
  • މި ތިން ރަށުގެ ވެސް އެކި ތަންތަނަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާ ބައްދަލުކުރައްވާނެ
  • މި ދަތުރުފުޅުގައި ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއަށާއި، ހަނިމާދުއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ސިޓީއަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ވެސް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ހދ. އަތޮޅު ކައުންސިލާއި، ކުޅުދުއްފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އޮފީހުން ބުނީ ކުޅުދުއްފުށީ ސިޓީއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުމުންދޫއަށް ކަމަށެވެ. އެރަށުގެވެސް ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށާއި، ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުން އެދެކަނބަލުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. ހަނިމާދޫގެ ވެސް ބައެއް ތަންތަނަށް ޒިޔާރަތްކުރައްވައި، ބައެއް މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށާއި، ހަނިމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ހަނިމާދޫ މަގުތަކުގެ ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

  • ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ހަވީރުއެވެ.